ކުޅިވަރު

ކޮޓިނިއޯ މިރޭގެ މެޗުގައިވެސް ނުފެންނާނެ - ކްލޮޕް


ފިލިޕް ކޯޓީނިއޯ މިރޭވެސް ލިވަޕޫލާއިއެކު ނުފެންނާނެކަމަށް ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. 

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގައި މިރޭ އަމިއްލަ ދަނޑުގައި ހޮފެންހެއިމާއި ދެކޮޅަށް ލިވަޕޫލް ނިކުންނަ މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ކްލޮޕް ބުނީ ހޮފެންހެއިމްގެ ފެންވަރު ޕްލޭ އޮފްގެ ފުރަތަމަ ލެގުންވެސް ޔަގީންވެއްޖެކަމަށާއި، މި މެޗްވެސް ފަސޭހަ ނުވާނެކަމަށެވެ. 

މިދައްކަނީ ޗެމްޕިއަންސް ލީގުގެ ވާހަކަކަމަށާއި، ހުރިހާ ގޮތަކުންވެސް މި ފެންވަރުގައި ކުޅޭ ޓީމްތައް ތަފާތުވާނެކަމަށް ކްލޮޕް ފާހަގަކުރިއެވެ. 

"ފުރަތަމަ މެޗުގައި އަހަރުންމެންގެ އެންމެ މޮޅު ކުޅުމެއް ނޫން ދެއްކުނީ، އެއަށްވުރެ ރަނގަޅު ކުޅުމެއް ދައްކައިގެން މި މެޗު ކާމިޔާބުކުރެވޭނީ" ކްލޮޕް ބުންޏެވެ.

ލިވަޕޫލް ދޫކޮށް ބާސެލޯނާއަށް ދާން ތައްޔާރުވެފައިވާ ކޮޓީނިއޯއާއި ގުޅޭ ގޮތުން ކްލޮޕް ބުނީ އޭނާ މިވަގުތު ހުރީ އަނިޔާގައިކަމަށާއި، މިރޭގެ މެޗުގައިވެސް ކޮޓީނިއޯ ނުފެންނާނެކަމަށެވެ. އޭނާ ބުނީ ކުލަބު ދޫކޮށް ކުޅުންތެރިއަކު ދާން ބޭނުންވުމަކީ މައްސަލައެއް ނޫންކަމަށާއި، ކޮޓީނިއޯ ކުލަބުގައި މަޑުކުރަން ބޭނުންކަމަށްވާނަމަ އޭނާއަށް އަދިވެސް މަރުޚަބާ ކިޔާނެކަމަށެވެ.

ބާސެލޯނާއިންވަނީ ދެ ފަހަރެއްގެ މަތިން ލިވަޕޫލްގެ ކޮޓީނިއޯއަށް ބިޑްކޮށްފައެވެ. ލިވަޕޫލުން ބިޑަށް ފުރަގަސްދިނީ އޭނާއަށް ހުށަހެޅި އަގާއިމެދު ހިތްހަމަ ނުޖެހިގެންކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.