ޚަބަރު

ރައްޔިތުން ހިތުން ރުހުމުން ރައީސްއަށް ވޯޓް ދޭނެ- ފަލާޙް


ރާއްޖޭގެ ކިތަންމެ ކުޑަ އާބާދީއެއް އޮތް ރަށަކަށް ރައީސް ޢަބްދުﷲ ޔާމީނާއެކު ވަޑައިގެން އެމަނިކުފާނު 2018އަށް އިންތިޚާބު ކޮށްދެއްވުމަށް އެދި ދެންނެވިއަސް، ކޮންމެ ދިވެހި ރައްޔިތަކުވެސް އެކަން ހިތުން ރުހުމުން ކޮށްދެއްވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ނާއިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ޕީޕީއެމް ހެންވޭރު ޖަގަހާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ ރައީސް ޔާމީން 2018އަށް އިންތިޚާބު ކުރައްވަން ދިވެހި ކޮންމެ ރައްޔިތަކުވެސް ބޭނުންވާ މައިގަނޑު ސަބަބަކީ ރާއްޖެއަށް އެމަނިކުފާނު ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ދިމާލަކަށް ބެލިކަމުގައި ވިޔަސް މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ނުހިނގާ އެއްވެސް ދިމާލެއް ނެތް ކަމަށް ފަލާހް ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާން އަދި ކެލާ ދާއިރާގެ މެމްބަރު ޢަލީ އާރިފް ވިދާޅުވީ ދިވެހި ރައްޔިތުން މީހުންނަށް ކަންކަން ޙަވާލު ކުރަނީ އެމީހުންގެ ޒިންމާ ފުރިހަމައަށް އަދާކުރުމުގެ ނިޔަތުގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް އަލި އަޅުއްވާލައްވަމުން އަލީ އާރިފް ވިދާޅުވީ އަށާރަވަނަ ރައްޔިތުންގެ މަޖިލީހަކީ މުޅި ބަރުލަމާނީ ހަޔާތުގައިވެސް ފާޙަގަކޮށްލެވޭ މަޖިލީހެއް ކަމަށެވެ. އަދި އަދުގެ ސަރުކާރާއި، ސަރުކާރަށް ތާޢީދު ކުރައްވާ ރައްޔިތުން މަޖިލީހުގެ މެމްބަރުންވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޤާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ޢަލީ އާރިފް ވިދާޅުވިއެވެ.

މި ޖަލްސާގައި ސަރުކާރުގެ ބައެއް ވަޒީރުންނާ ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިތުރުން ޕީޕީއެމް އެމްޑީއޭ ކޯލިޝަނަށް ތާޢީދު ކުރާ ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.