ކުޅިވަރު

މިލަންދޫއަކީ ތޯތޯ ސަމާސާ ޓީމެއް ނޫން - ނިޒާމްބެ


ޓީމްގައި ނަން މަޝްހޫރު ކުޅުންތެރިން ނެތް ނަމަވެސް މިލަންދޫ ޓީމަކީ ތޯތޯ ސަމާސާ ޓީމެއް ނޫންކަމަށް ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނެފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާދަމާ ހަވީރު ޓީސީ ނިކުންނާނީ ށ.މިލަންދޫއާއި ދެކޮޅަށެވެ. މި މެޗާއި ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗް މުޙައްމަދު ނިޒާމް ބުނީ މިލަންދޫ އަތުން މޮޅުވުމަކީ ފަސޭހަކަމެއް ނޫންކަން އެޓީމް އަންނަނީ ސާބިތުކޮށްދެމުންކަމަށާއި، ނިމިގެންދިޔަ މާޒިޔާ މެޗަށް ބަލާލުމުންވެސް އެކަން ހާމަވާކަމަށެވެ.

ބިދޭސީ އެއްވެސް ކުޅުންތެރިއެއް ނުލައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއި ދެކޮޅަށް ނިކުމެ މިލަންދޫ އާ ކުޅުންތެރިން ދަނޑުމަތީގައި އެ ދައްކާ ކުޅުމަކީ އެޓީމަކީ ތޯތޯ ޓީމެއް ނޫންކަން ޔަގީންކޮށްދޭކަމެއްކަމަށް ނިޒާމް ބުންޏެވެ. އޭނާ ބުނީ ޓީސީން މި މެޗު އެއްވެސް ވަރަކަށް ފަސޭހަ ނުކުރާނެކަމަށާއި، ލީގު މެދުކަނޑާލާއިރު މި މެޗުން މޮޅުވުން މުޙިންމުކަމަށެވެ.

"އަސްލު މިލަންދޫގެ ކޯޗާއި ކުޅުންތެރިން އެކުރާ މަސައްކަތަށް ތައުރީފް ހައްގު. އެމީހުންގެ ކުޅުން ވަރަށް ފާހަގަކޮށްލެވޭ. އެއީ ތޯތޯ ސަމާސާ ޓީމެއް ނޫންކަން އެބަދައްކާ ކުޅުމުން، ޓީސީން އެއްގޮތަކަށްވެސް މެޗް ފަސޭހަ ނުކުރާނެ." ނިޒާމްބެ ބުންޏެވެ.

ޓީސީއާއި ދެކޮޅަށް ނިކުންނަ މެޗާއި ގުޅޭ ގޮތުން ށ.މިލަންދޫގެ ކޯޗް މުޙައްމަދު ނާސިރު ބުނީ އޭނާގެ ޓީމް އަންނަނީ މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުންކަމަށާއި، މާޒިޔާ އަތުން އެންމެ ފަހުން ކުޅުނު މެޗުން ބަލިވިޔަސް އެ މެޗުގައި ޓީމުން ދެއްކި ކުޅުމުގެ ސަބަބުން އުއްމީދު އާވެއްޖެކަމަށެވެ. 

ލީގުގެ ވަރުގަދަ ޓީމްތައް އަތުން ޕޮއިންޓް ހޯދުމަކީ ކުރިއަށްދާން ލިބޭނެ އެންމެ ބޮޑު ހިތްވަރުކަމަށާއި، ޓީސީ ކަހަލަ ވަރުގަދަ އެޓޭކެއް އޮތް ޓީމެއް ހުއްޓުވުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށްވެސް ނާސިރު ފާހަގަކުރިއެވެ. ކުޅުންތެރިއެއްގެ ގޮތުގައި އޭނާއަކީ ޓިސީގެ ކޯޗް ނިޒާމްބެގެ އިރުޝާދުގެ ކުޅުނު ކުޅުންތެރިއަކަށް ވުމާއިއެކު ނިޒާމްބެގެ ގޭމް ޕްލޭން ދެނެގަންނަން މާ ބޮޑެތި އުނދަގޫތަކެއް ދިމާނުވާނެކަމަށްވެސް ގައުމީ ޓީމްގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.

"އަސްލު މާޒިޔާ މެޗުގައި ބޭނުންވި ގޮތަށް ނަތީޖާ ނުނިކުތަސް ކުޅުމާއިމެދު ހިތްހަމަޖެހޭ، މިލަންދޫއެއް ބޭނުމެއް ނުވޭ ލީގް ނިމޭއިރު ފުލުގައި އޮންނަން. އަމާޒަކީ ބޮޑެތި ޓީމްތައް އަތުންވެސް ޕޮއިންޓް ހޯދުން" ނާސިރު ބުންޏެވެ.