ޚަބަރު

ރީތިރަށުގެ ބޭރުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ


ރީތިރަށް ރިސޯޓުގެ ބޭރުގައި އޮތް "ޑައިމަންޑް" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 8:52 ހާއިރުކަމަށާއި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށެވެ. އަދި 3 ދިވެހިންނާއި ބިދޭސީއަކު ދަތުރުކުރި ދޯނީގައި ރޯވި އަލިފާން މިރޭ 9:10 ހާއިރު ކޮންޓްރޯލް ކުރެވިފައިވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެެވެ. 

އެމްއެެންޑީއެފުން މަޢުލޫމާތުދެއްވާ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ކޯސްޓްލައިން ކުންފުނީގެ 95 ފޫޓް ދޯންޏެއްގައެވެ. އެމްއެންޑީއެފުން ވިދާޅުވީ އެހާދިސާ ހިނގުމާއެކު އެމްއެންޑީއެފް އުޅަނދުތައް އަލިފާން ނިވާ ސާމާނާއެކު އެސަރަޙައްދަށް ގޮސްފައިވާކަމަށެވެ. 

މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގޭނީ، ފަޔަރ އެންޑް ރެސްކިއު ޓީމުން ބެލުމަށްފަހުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.