ޚަބަރު

ސަލާމަތީ ބާރުތައް ސިޔާސީކުރުމަށް ބަޔަކު މަސައްކަތްކުރޭ- ނިހާން


ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކުގައި ރާއްޖޭގެ ސަލާމަތީ ބާރުތައް ސިޔާސީކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ޕީޕީއެމް ޕީޖީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ސަލާމަތީ ބާރުތައް ސިޔާސީކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް ރާއްޖޭގެ ސަލާމަތީ ބާރުތައް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި ތިންބާރު ވަކިވެފައިވާއިރު ސަލާމަތާބެހޭ ބާރުތަކަކީ ވަރަށް މުހިއްމު ބާރެއް ކަމަށެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ މަސައްކަތްތަކަށް ތަޢުރީފްކުރައްވަމުން ނިހާން ވިދާޅުވީ އެ ދެ މުއައްސަސާއާ ގުޅޭގޮތުން ޚާއްޞަ ޤާނޫނެއް މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށެވެ. ނިހާން ވަނީ އެ ޤާނޫނުގައި ހިމެނިފައި ހުންނަންޖެހޭނެ ބައެއް މާއްދާތައް ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޑިމޮކްރަސީ ފުރިހަމަވެގެން ނުދަނީ ޤާނޫނީ ޙުކޫމާތު، އެ ޤައުމެއްގައި އޮންނަ ސަރުކާރަށް ހިންގަން ނޭނގުމުން ކަމަށް ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ޤާނޫނީ ޙުކޫމާތު ނެގެހެއްޓުމަށް އަދުގެ ސަރުކާރު މަސައްކަތް ކުރާކަމަށެވެ. ނަމަވެސް އެކަންކަމަށް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށާއި ރާއްޖޭގެ ޤާނޫނީ ޙުކޫމަތު ނެގެހެއްޓުމަށް ހުރަސްއެޅުމުގެ ގޮތުން ޅަފަތުގެ ޑިމޮކްރަސީ، އިދިކޮޅު ފަރާތްތަކުން ބޭނުން ކުރަމުން އަންނަ ކަމަށް ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތައް ކުރަމުން އަންނަ މަސައްކަތްތަކާއި އެ ފަރާތްތަކުން ހޯދަމުން އަންނަ ކާމިޔާބީތަކުގެ ވާހަކަތައް ދައްކާނެ މީހަކު ނެތުމަކީ މިއަދު ހިތާމަކުރާ ކަމެއް ކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތައް ތަރައްޤީކުރުމަށް ކުރެވެން ހުރު ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.