ރިޕޯޓް

ހުކުރު ޚުޠުބާގައި ޒުވާނުންނަށް ހިތްވަރުދެއްވައިފި


މުޖުތަމަޢު ބިނާކުރުމުގައި ހެޔޮލަފާ ޒުވާނުންގެ ދައުރު އަދާކުރުމުގެ މުހިންމުކަމުގެ މައްޗަށް މިއަދުގެ ހުކުރުޚުޠުބާގައި ޒުވާނުންނަށް ހިތްވަރުދެއްވައި ނަސޭޙަތްތެރިވެވަޑައިގެންފިއެވެ. 

ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، ކޮންމެ ޒުވާނަކަށް ލިބޭ ދެރައަކީ، ނުވަތަ ހިތާމަޔަކީ، އެކަމުގެ މައްޗަށް މުޅި ޤައުމާއި އެ ޒުވާނުންގެ ޢާއިލާތައް ހިތާމަކުރާނެ ކަމެކެވެ. އިސްލާމް ދީނުގެ ގިއުގަނޑުގެ ތެރެއިން މަޖާކުރުމާއި ދަތުރުދިއުމާއި އުފާފާޅުކުރުން ދީން ހުއްދަކުރާކަންވެސް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. 

ހުކުރު ޚުޠުބާގައި ވަނީ މުޖުތަމަޢު ބިނާކުރުމުގައި ހެޔޮލަފާ ޒުވާނުން ދައުރު އަދާކުރުމުގެ މުހިންމުކަން ބަޔާންކުރައްވައި އެކަމަށް ބާރު އަޅުއްވާފައެވެ. ޒުވާނުންނަކީ، ޤައުމުގެ އުންމީދުކަމަށާއި މި ޤައުމުގެ ޝަޚްޞިއްޔަތުގެ ރޫޙުކަމަށް ބަޔާންކުރައްވައި ޚުޠުބާގައި ވިދާޅުވެފައިވަނީ ޒުވާނުންނަކީ ޤައުމުގެ ދިރިއޮތުމުގެ ސިއްރުކަމަށެވެ. ކޮންމެ ޒުވާނަކަށް ލިބޭ ދެރަޔަކީ ނުވަތަ ހިތާމަޔަކީ، އެކަމުގެ މައްޗަށް މުޅި ޤައުމާއި އެ ޒުވާނުންގެ ޢާއިލާތައް ހިތާމަކުރާނެ ކަމެކެެވެ. އަދި އިސްލާމް ދީން ޒުވާނުންނަށް ތަޢުރީފްކުރައްވާފައިވާކަން ބަޔާންކުރައްވަމުން، ޒުވާނުން ދުޅަހެޔޮކަންމަތީ ތިބުމަށް ބާރުއަޅުއްވާފައިވެއެވެ. 

"ލޮބުވެރި ޒުވާނުންނޭ. ހަށިގަނޑުގެ ގޮތުން ބަލިކަށި މުއުމިނަކަށްވުރެ ހަށިގަނޑުގެ ގޮތުން ވަރުގަދަ މުއުމިނާ ދެކެ ﷲ ލޯބިވެވޮޑިގެންވޭ. މިހެންކަމުން ހަށިގަނޑު ދުޅަހެޔޮގޮތުގައި ބެހެއްޓުމަށްޓަކައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުމަކީ ދީން މަނާކުރާ ކަމެއް ނޫން. ހަމަ އެފަދައިން އިސްލާމީ ގިއުގަނޑުގެ ތެރެއިން އުފާފާޅުކުރުމާއި މަޖާކުރުމާއި ދަތުރުދިއުމާއި ޙަފުލާތައް ބޭއްވުމަކީ ދީން މަނާކުރާ ކަމެއް ނޫން." ހުކުރު ޚުޠުބާގައި ވިދާޅުވެފައިވެއެވެ. 

ޚުޠުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި ކީރިތި ރަސޫލާގެ ޙަޔާތްފުޅުގައި އެކަލޭގެފާނު އުފާފާޅުކުރެއްވިއެވެ. 

މީހުން ބަދުނާމުކޮށް، އެމީހުންގެ ޢާއިލާތަކަށް މަލާމާތް ރައްދުކޮށް، ފަޟީޙަތްކޮށް ހެދުން ކީރިތި ރަސޫލާ މަނާކުރައްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. 

"ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި، ރާބުއިމުގެ ސަބަބުން ތަކުރާރުކޮށް އަދަބުދިނުމަށް  ގެނެވުނު މީހާއަށް އަދަބުދެވެމުން ދަނިކޮށް، މީހަކު އެމީހާއަށް ލަޢުނަތްދީ، މަލާމާތްކުރާ އަޑު އިވިވަޑައިގަތުމުން އެކަން މަނާކުރެއްވި. ޒުވާނަކު ކުށަކަން އަރައިގަތުމުން، އޭނާ ހެޔޮމަގަސް ގެނެސް، ތަރުބިއްޔަތުދީ، ހެޔޮ މުސްތަޤްބަލެއް ހޯދައިދެވެން ޖެހޭނެ." ޚުޠުބާގައި ވިދާޅުވެފައިވެއެވެ. 

އެފަދަ ޒުވާނުންނަށްވެސް ވަޒީފާގެ ފުރުޞަތު ހޯދައިދީ ޢާއިލާއެއް ބިނާކުރުމުގެ މަގުފަހިކޮށްދެވެން ޖެހޭނެކަމަށް ބަޔާންކުރައްވާފައިވެއެވެ. އޭގެ ބަދަލުގައި އޭނާ ބަދުނާމުކޮށް ހެދުމަކީ ރަނގަޅު ކަމަށް ނުވާނެކަން ފާހަގަކުރައްވައި، އެއީ އިސްލާމް ދީން މަނާކޮށްފައިވާ ކަމެއްކަމަށް ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.