ޚަބަރު

އަފްރާޝީމްގެ މަރުގެ މައްސަލަ އަލުން ތަހުޤީޤްކުރަން ފަށައިފި


ތޫނު އެއްޗަކުން ހަމަލާދީ އަވަހާރަކޮށްލި ރައްޔިތުންގެ މަޖިލީހުގެ އުގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝަމީމް ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފްގެ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުން ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށެވެ.

img:http://s3.psmnews.mv/images/660x400/15022910516794.jpg|ފުލުހުން ބޭއްވެވި ޕްރެސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް ނިއުސް

އަދި އެ މައްސަލަ އަލުން ބަލަމުން އަންނަނީ ކޮމިޝަނަރ އޮޕް ޕޮލިސް އެ މައްސަލަ ބެލުމަށް އަލުން ދެންނެވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ އަފްރާޝީމްގެ މަރުގެ މައްސަލައިގެ އިތުރުން ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މައްސަލަވެސް އެ ސެންޓަރުން ބަލަމުން އަންނަ ކަމަށެވެ.

ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ ފުލުހުން އަލުން ތަހްޤީޤް ކުރަމުން އަންނައިރު އެ މައްސަލާގައި ކްރިމިނަލް ކޯޓުން މަރުގެ ޙުކުމް އިއްވާފައިވާ ހ.ލޮބީ ހުސައިން ހުމާމަށް ދަޢުލަތުގެ ކުރީގެ އިސްވެރިޔަކު ބައްދަލުކުރި މައްސަލައެއް މިހާރުވަނީ ފެންމަތިވެފައެވެ. އެކަން ހާމަކުރެއްވީ ދާދިފަހުން ސްޓެލްކޯގައި ބޭއްވި ޙަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވާހަކަދައްކަވަމުންނެވެ. އެ މައްސަލަވެސް ފުލުހުން ތަހްޤީގް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.