ޚަބަރު

ޒަމާނާ އެއްގޮތަށް ތަހްޤީޤުތައް ހިންގުމަށް މަޝްރޫޢެއް ފަށަނީ


ފުލުހުންގެ ތަހްޤީގީ ދާއިރާ ޒަމާނާ އެއްގޮތަށް ތަރައްޤީ ކުރުމަށް 62 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ފުލުހުން ނިންމައިފިއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ސްޕޯކްސްޕާސަން ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ބޮޑެތި ކުށްތައް ތަހްޤީގް ކުރުމަށް މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރގެ ނަމުގައި ޚާއްސަ ސެންޓަރެއް ފުލުހުން ޤާއިމްކޮށްފައިވާ ކަމަށެވެ. އަދި އެ ސެންޓަރުގައި މަސައްކަތް ކުރާނީ ތަހްޤީގީ ދާއިރާގައި މަސައްކަތް ކުރައްވާފައި ތިއްބެވި ތަޖުރިބާކާރު އޮފިސަރުން ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރަކީ މިހާރު ފުލުހުންނަށް ހުށަހެޅޭ ބޮޑެތި ކުށްތައް ތަހްޤީގް ކުރުމުގެ ފުރިހަމަ ޤާބިލްކަން ލިބިފައިވާ ސެންޓަރަކަށް ހެދުމަށް ފުލުހުންގެ މުއައްސަސާއިން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެ ސެންޓަރުން ތަހްޤީގީ ދާއިރާ ކުރިއެރުވުމަށް ޚާއްސަ ޕްލޭނެއް ގެންގުޅެމުން އަންނަކަމަށާ އެ ޕްލޭނަކީ މި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްލޭނެއް ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

މިހާރުވެސް މޭޖަރ ކްރައިމް މެނޭޖްމަންޓް ސެންޓަރުން އަންނަނީ ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ކުށްތަކުގެ ތަހްޤީގް ކުރިއަށް ގެންދަމުންނެވެ. މި ސެންޓަރަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ އިސް ނެންގެވުމުގެ މަތިން ޤާއިމްކޮށްފައިވާ ސެންޓަރެކެވެ.