ޚަބަރު

ނައިބު ރައީސް، ޗައިނާ ސަފީރާ ބައްދަލުކުރައްވައިފި


ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ވަންގް ފުކާންގް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. މިގޮތުން، ޗައިނާއިން ރާއްޖޭގައި ހިންގާ މައިގަނޑު 3 މަޝްރޫޢު ކަމަށްވާ ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫޢާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ޗައިނާ ސަރުކާރުން އަޅަން ހަމަޖައްސާފައިވާ 1500 ހައުސިންގ ޔުނިޓުގެ މަޝްރޫޢު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/15021981372548.jpg|ނައިބު ރައީސް އަބްދުﷲ ޖިހާދު އަރިހަށް ޗައިނާ ސަފީރު ކުރެއްވި ޒިޔާރަތުގެ ތެރެއިން / ފޮޓޯ: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 45 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، ކުރިއަށްއޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.

ޗައިނާގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުޞަތު ލިބިވަޑައިގަތުމުން ފަޚުރުވެރިވާކަމަށް ވިދާޅުވެ، ކުރިއަށް އޮތްތާނގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޚިޔާލު ބަދަލު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޚަލީލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްއުސްތާޛް ފައްޔާޒް ޝާޠިރު ބައިވެރިވެވަޑައިގެންނެވިއެވެ.