ޚަބަރު

ހުޅުމާލޭގައި ހިފްޒު ކްލާސްތަކެއް ފަށައިފި


ކީރިތި ޤުރުއާނާއި ބެހޭމަރުކަޒުގެ ފަރާތުން ހުޅުމާލޭގައި ހިފްޒު ކްލާސްތަކެއް ފަށައިފިއެވެ.

މި ކުލާސްތަކުގެ ބޭނުމަކީ ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރުދިނުމާއި، ޙާފިޒުންގެ އަދަދު އިތުރުކުރުމުގެ އިތުރުން ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިކުރާނެ މީހުން ތަމްރީން ކުރުމުގެ އިތުރުން ކީރިތި ޤުރުއާން ދަސްކޮށްދިނުން ކަމަށް ކީރިތި ޤުރުއާނާއި ބޭހޭމަރުކަޒުން މައުލޫމާތުދެއެވެ. އަދި މި ކްލާސް ތަކުގައި 61 ދަރިވަރުން ބައިވެރިވެފައިވެއެވެ. 

ހުޅުމާލޭގެ އާލު ޘާނީ މިސްކިތުގައި ކުރިއަށް ގެންދާ މިކުލާސްތައް ފެށީ މިއަދު ހެނދުނުއެވެ. މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ ކުލާސްތަކެއްކަމަށް ކީރިތި ޤުރުއާނާއި ބެހޭމަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ ވިދާޅުވިއެވެ. މީގެ އިތުރުން ހެނދުނުގެ ދަންފަޅިތަށް ހާއްސަ ކޮށްފައިވަނީ ކުޑަކުދިންނަށް ކަމާއި އަސުރުގެ ފަހުން ބޮޑެތި މީހުންނަށް ހާއްސަ ކުލާސްތައް ކުރިއަށް ގެންދާކަން އިބްރާހިމް ރަޝީދު މޫސާ ފާހަގަކުރެއްވިއެވެ. މިކުލާސްތައް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގައިވެސް ކުރިއަށް ދާނެ ކަމާއި ކޮންމެ ކުލާހަކަށް 20 ކުދިންގެ ޖާގަ ހަމަޖެހިފައިވާއިރު ޖާގަ ލިބޭ ވަރަކުން އިތުރުކުދިންނަށް ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޤުރުއާނާއި ބެހޭ މަރުކަޒާއި މަރުކަޒުގެ ގޮފިތަކުގައި ހިންގާ ޤުރުއާން ހިތުދަސްކޮށްދޭ އެކި ކުލާސްތަކުގައި 517 ކުދިން މިހާރުވެސް ކިޔަވަމުންދެއެވެ.