ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގައި ތިއްބެވި ރައްޔިތުން މަޖިލީހުގެ މެމްބަރުން މިއަދު އެޕާޓީ ދޫކުރައްވާ ވަޑައިގެން ތިއްބެވީ ގޯހެއް ހެއްދެވިގެން ކަމަށާއި އަދިވެސް އެ މެމްބަރުންނަށް އެޕާޓީގެ ތެރެއިން ފުރުޞަތު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި އަލަށް ގުޅުނު މީހުންގެ މެމްބަރޝިޕް ފޯމްތައް ޙަވާލުކުރުމަށް މިއަދު ސްޓެލްކޯގައި އޮތް ޙަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ ޕާޓީ ދޫކުރައްވާ ވަޑައިގެންނެވި މެމްބަރުން އެކަމާ ވިސްނަންޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ މުސްތަޤިއްލު ބާރެއް ލިބިފައިވާ އިދާރާއެއް ކަމަށާއި ނަމަވެސް އެ ބާރުތައް ބޭނުން ކުރަންވާނީ ޙުދޫދެއްގެ ތެރެއިން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީ ނުވަތަ އެފްޕީއައިޑީގެ ކޮރަޕްޝަންގެ ވާހަކަތައް ދެއްކޭ ކަމަށްވާ ނަމަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މަޖިލިސް މެމްބަރަކުވެސް ކުށެއް ކުރައްވައިފި ނަމަ އެއީ ކުށެއް ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވިދާޅުވީ އެފަދަ ކުށްތަކުން ބަރީޢަވުމަކީ އެފަދަ ކުށެއް ކުރެއްވި މަޖިލިސް މެމްބަރަކަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުގެ ޤާނޫނަކީ ވަކި ޚާއްސަ ޙާލަތްތަކެއްގައި ބޭނުން ކުރެވޭނެ އެއްޗެއް ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ރާއްޖޭގައި ހުރި މައްސަލަތައް ޙައްލު ކުރުމަށް ކަމަށެވެ. މީގެކުރިން ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ކުރައްވަންޖެހޭ ކަމެއް ނުކުރެއްވުމަކީ މިއަދު ވެރިކަމުގައި ހުންނެވި ބޭފުޅެއް ޒިންމާ ނަންގަވަން ޖެހޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.