މާރާމާރީއާއި ހަމަނުޖެހުންތަކާ ދެކޮޅަށް ޒުވާނުންތަކެއް އިސްނަގައިގެން ޚާއްޞަ އެއްވުމެއް ބާއްވައިފިއެވެ.
"ހުއްޓާލަމާ" މި ނަމުގައި މިއަދު ހަވީރު ކާނިވާ ސަރަޙައްދުގައި ބޭއްވި މި އެއްވުމުގައި ބައިވެރިވި ޒުވާނުން ވަނީ ފުރަ މާލޭގައި ދާދިފަހުން ހިނގައިދިޔަ މާރާމާރީތަކުގައި އަނިޔާވި މީހުންނަށާއި އަދި އެ މާރާމާރީތަކުގައި ދުނިޔެއާ ވަކިވެގެން ދިޔަ މީހުންގެ ހަނދާނުގައި ދެ މިނެޓުގެ ސުކޫތެއް ގެނެސްފައެވެ. ހުދުކުލައާއި ރަތްކުލައިގެ ފުއްޕާ ހަމާއި ތަފާތު ޝުޢޫރުތައް ލިޔެފައި ހުރި ބޯޑުތައް ބޭނުންކޮށްގެން ބޭއްވި މި އެއްވުމުގައި ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކުންވެސް ވަނީ ބައިވެރިވެފައެވެ.
މި އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޔާމީން ވިދާޅުވީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަ ފުރަމާލެއަކީ މީގެކުރިން ވަރަށް އަމާން ތަނެއް ކަމަށެވެ. ނަމަވެސް ފަހަކަށް އައިސް ހިނގާ ބައެއް ހަމަނުޖެހުންތަކާއި މާރާމާރީތަކުގެ ސަބަބުން މާލޭގެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިފައިވާކަން ޔާމީން ފާހަގަކުރެއްވިއެވެ.
މިދާކަށްދުވަހު މާލޭގައި ހިނގާދިޔަ މާރާމާރީތަކުގައި ދެ ޒުވާނަކު ވަނީ މަރުވެފައެވެ. އަދި މި މާރާމާރީތަކާ ގުޅިގެން 23 މީހަކު މިހާރުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި 34 މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މާލޭގައި ހިނގާދިޔަ މާރާމާރީތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރު އަޒްލީން އަޙްމަދު ވަނީ މާލޭގައި ހިނގަމުންދާ ގްރޫޕް މާރާމާރީތައް ހުއްޓުވައި ރައްޔިތުންނަށް އަމާންކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެ، ރައްޔިތުން ކަންބޮޑު ނުވުމަށް އިލްތިމާސްކުރައްވާފައެވެ.