ޚަބަރު

ޢިމާރާތް ކުރުމާބެހޭ ޤަވާއިދުތަކާބެހޭގޮތުން މަޝްވަރާކުރަނީ!


ޢިމާރާތް ކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޤަވާއިދުތައް އެކުލަވާލުމާއި ގުޅޭގޮތުން ހައުސިންގ މިނިސްޓްރީގެ ބޭފުޅުންނާ މަޝްވަރާ ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޢާއްމު ކޮމެޓީން ނިންމައިފިއެވެ. 

ޢާއްމު ކޮމެޓީން މިގޮތަށް ނިންމީ އެ ކޮމެޓީގެ ބައްދަލުވުމުގައި، ކޮމެޓީއަށް ޙާޟިރުރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުންނެވެެ. ޢާއްމު ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރުން ވަނީ، ކަމާ ގުޅުންހުރި ފަންނީ ބޭފުޅުންގެ ލަފަޔާ އިރުޝާދުގެ މަތިން ޤަވާއިދުތައް އެކުލަވާލުމަށް އިލްތިމާސްކުރައްވާފައެވެ. ޢިމާރާތްކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤްކުރެއްވީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ. ޢިމާރާތްކުރުމުގެ ޤާނޫނުގައިވާ ގޮތުން އެ ޤާނޫނު ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ ޤަވާއިދުތައް ޤާނޫނަށް ޢަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ހަދަންޖެހެއެވެ. އެގޮތުން މިޤާނޫނުގެ ދަށުން ޖުމްލަ 14 ޤަވާއިދު އެކުލަވާލަންޖެހެއެވެ. ޢިމާރާތް ކުރުމުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގައި ވަކި ޢިމާރާތަކަށް ނުވަތަ ޢިމާރާތެއްގެ ބަޔަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދަ ކަމާބެހޭ އިދާރާއަކުން ލިޔުމުން ދޫކުރުމުގެ ކުރިން އިމާރާތް ބޭނުންކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް އިމާރާތް ބެލެހެއްޓުމަށްޓަކައި އިމާރާތުގައި މީހަކު ބެހެއްޓިދާނެ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ. އަދި ދިރިއުޅުމުގެ ހުއްދައެއް ވަގުތީ ގޮތުން ދޫކޮށްފައިވާ ނަމަ އިމާރާތް ބޭނުން ކުރެވިދާނެ ކަމަށްވެސް ޤާނޫނުގައި ބުނެއެވެ.