ޚަބަރު

ގާސިމްގެ ދަޢުވާގެ އަޑުއެހުން ސިއްރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުން މިއަދުވެސް ސިއްރުކޮށްފިއެވެ. 

ޤާސިމްގެ މައްޗަށް ދަޢުލަތުން ވަނީ ތިން ދަޢުވާއެއް އުފުލާފައެވެ. ގާސިމްގެ މައްޗައް ދައުލަތުން އުފުލާފައިވަނީ ރިޝްވަތު ދިނުމަށް ހުށަހެޅިކަމުގެ ކުށުގެ ދައުވާގެ އިތުރުން، ރަސްމީ ޙައިޞިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުނުކަމުގެ ކުށުގެ ދައުވާއާއި، ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމުގެ ކުށުގެ ދަޢުވާއެވެ. ޤާސިމްގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުއެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް އަލުން ފަށާފައި މިވަނީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ޕީ.ޖީ އޮފީހުގެ ވަކީލުން ޙާޟިރުވެފައި ނުވާތީ، ތިން ދައުވާވެސް ކޯޓުން ބޭރުކޮށްލުމާއި ގުޅިގެން އެ މައްސަލަތައް އަލުން ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ހުށައެޅުމުންނެވެ.

އަނެއްކޮޅުން  ޤާސިމް އިބްރާހިމްގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ސިއްރުކުރަން ނިންމި ނިންމުން މުރާޖާކޮށްދިނުމަށް ޤާސިމްގެ ފަރާތުން އެނާގެ ވަކީލުން ކޯޓްގައި ވަނީ އެދިފައެވެ.