ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދަޢުވާ އަކީ ކުރިއަށް ގެންދެވޭނެ ދަޢުވާއެއް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމަވައިފިއެވެ.
މިއަދު ހަވީރު އޮތް އަޑު އެހުމުގައި ފާރިސްގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާޙިމް އަލީ ވިދާޅުވީ މަދަނީ މިންގަނޑުން ބަލާއިރު އެ ދަޢުވާ އަކީ ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. އަދި ޤާޒީ ވިދާޅުވީ އެކަން ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. ޖިނާއީ ކޮންމެ މައްސަލައެއްގައި ވެސް އެ ދައުވާއެއް ކުރިއަށް ގެންދިއުމާ މެދު އިބްތިދާއީ މަރުހަލާގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގައި ބަޔާން ކުރައްވާފައިވެއެވެ. އެހެންކަމުން މައްސަލައިގެ ޝަރީޢަތް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް އަންނަ މަހުގެ 10 ވަނަ ދުވަހު ހުށަހެޅުމަށް ޤާޒީ ވަނީ ފާރިސް އަށްވެސް އަދި ދަޢުލަތަށްވެސް އަންގަވާފައެވެ. އަދި ދެފަރާތުން ހުށަހަޅުއްވާ ހުށަހެޅުންތަކަށްފަހު ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކުރައްވާ ގޮތަށް މައްސަލާއިގެ ޝަރީޢަތް ފަށްޓަވާނީ 30 ދުވަހުގެ މުއްދަތަކަށް ފަހު ކަމަށް ޤާޒީ ޢިބްރާހީމް ޢަލީ ވިދާޅުވިއެވެ.
ޤާނޫނުލް އުޤޫބާތުގެ ދަށުން ފާރިސްގެ މައްޗަށް ކުރާ ޝަހްސް އޮޅުވާލުމުގެ ދަޢުވާއަކީ ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސަށް ކުރާ ދަޢުވާއެކެވެ. މި ދަޢުވާގެ އަޑުއެހުމެއް މިއަދު ހެނދުނު އޮތް ނަމަވެސް، ފާރިސް މަޖިލީހަށް ދިއުމަށް ހުއްދަ ދިނުމަށްފަހު ޝަރީޢަތް ވަނީ މިއަދު ހަވީރަށް ފަސްކުރައްވާފައެވެ. ފާރިސްގެ މައްޗަށް މިދައުވާ ސާބިތުވެއްޖެނަމަ 9 މަހާއި 18 ދުވަހުގެ ޖަލުޙުކުމެއް އަންނާނެއެވެ.