ޚަބަރު

ސްޓެލްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދަޢުވާކުރަނީ


ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުއްޝުކޫރު ޞާލިޙްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީސް، ޕީޖީއަށް ފޮނުވައިފިއެވެ. 

ޝުކޫރުގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް ފޮނުވީ ސްޓެލްކޯއިން ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން ޑޮލަރު ގަތުމަށް އެޑްވާންސްކޮށް ފައިސާ ދެއްކިކަމަށް ބުނާ މައްސަލަ ތަޙްޤީޤްކުރުމަށްފަހުއެވެ. މި މައްސަލާގައި ޝުކޫރުގެ އިތުރުން ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ގެ މައްޗަށް ދަޢުވާކުރުމަށްވެސް އޭސީސީންވަނީ ޕީޖީއަށް ފޮނުއްވާފައެވެ. 

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސް ނެތް ޕްރައިވެޓް ކުންފުންޏަކުން ދުއިސައްތަ ހާސް ޑޮލަރު ގަތުމަށް ތިން މިލިޔަން އަށްޑިހަ ހަތަރު ހާސް ރުފިޔާ ސްޓެލްކޯއިން ޚަރަދުކޮށްފައިވާ ކަމަށެވެ. އެފައިސާ ޚަރަދުކުރުމަށް ނިންމާފައިވަނީ، ސްޓެލްކޯއަށް ޑޮލަރު ލިބުމުގައި ދަތިތަކާއި ކުރިމަތިވާތީ ކަމަށް ފައިނޭންސް ޑިޕާޓްމަންޓްގެ ހެޑް ބުނެފައިވީ ނަމަވެސް، ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ހޯދުމަށް އެކުންފުނިން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޓްރެޜަރީއަށް ރިކުއެސްޓްކުރި ކޮންމެ ފަހަރަކުވެސް، ރައީސް އޮފީހުގެ ޚާއްޞަ ހުއްދައެއްގެ ދަށުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސްޓެލްކޯއަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދީފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ. 

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ ބޭރު ފައިސާ ގަނެވިއްކުމުގެ ލައިސެންސްނެތި، ބޭރު ފައިސާ ގަނެވިއްކުމަކީ މަނިޓަރީ ގަވާއިދުގެ ދަށުން މަނާކަމެކެވެ.