ޤާނޫނާ ޚިލާފަށް ރައްޔިތުން ނުކުމެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހަށިކޮޅަށް އަރައިގަނެ މާރާމާރީ ހިންގައިގެން ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ގޮވާލާ، ރައްޔިތުން މަޖިލީހުގެ މެމްބަރަކު ވާހަކަދައްކާފައި މައްސަލައެއް ބައްލަވައި ދެއްވުން އެދި ފުލުހުންނަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް މައްސަލަ ހުށަހަޅައިފިއެވެ.
ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާ އަޙްމަދު ސަލީމް، މާޒް ސަލީމް ހުށަހެޅުއްވި މި މައްސަލާގައި ބަޔާންކުރައްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެރޭ ރާއްޖެ ޓީވީން ލައިވްކުރަމުން ދިޔަ ޕްރޮގްރާމެއްގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާ ދެއްކެވި ވާހަކަތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކަކީ ބިރު ދެއްކުމާއި ޓެރަރިޒަމްގެ ޢަމަލުތަކުގެތެރެއަށް ފެތޭ ޢަމަލެއް ކަމަށް މާޒް ސަލީމް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު އަރީފަށް ފޮނުއްވި ސިޓީގައިވެއެވެ.
އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގެ އަމާންކަމަށް ބުރޫއަރާ ފަދަ ގޮތަކަށް، ޤައުމީ ސަލާމަތައް ނުރައްކާވާފަދަ ޣައިރުޤާނޫނީ ވާހަކަތައް މީޑިއާތަކުން ބްރޯޑްކާސްޓް ކުރުމަކީ ޚިޔާލުފާޅުކުރުމާ އަބުރު ރައްކާތެރިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިގެން މަނާ ކަމެއްކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ސަލީމް މިރޭ ވިދާޅުވީ، މީގެކުރިން އެފަދަ ގޮތްގޮތަށް ޓީވީތަކަށް އަރައި މީހުންނަށް ވާހަކަދެއްކުނު ނަމަވެސް މިހާރު ދިވެހިރާއްޖޭގެ ޤާނޫނުތައް އެގޮތަށް ވާހަކަދެއްކުމަށް ތަން ނުދޭ ކަމަށެވެ. އަދި ޤާނޫނީ ޙުކޫމަތަކީ އެންމެންގެ މައްޗަށްވެސް ހިނގާނެ އެއްޗެއް ކަމަށާއި ޤާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ޤާނޫނާއި ޚިލާފަށް ވައްޓާލުމަށް ގޮވާލައިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ތިމަރަފުށި ދާއިރާގެ މެމްބަރ މުޙައްމަދު މުސްތަފާ ރާއްޖެޓީވީގައި ދެއްކެވި ވާހަކައަކީ ޤާނޫނާ ޚިލާފު ވާހަކަތަކެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
މާޒް ސަލީމްވަނީ ހަމަ މި ސިޓީގެ ކޮޕީއެއް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބަށްވެސް ފޮނުއްވާފައެވެ.