ޚަބަރު

ފުލުހުންނާއި ސިފައިންނަށް ކުރާ ގޯނާ ހުއްޓާލުމަށް ގޮވާލައިފި


އިދިކޮޅު ސިޔާސީ ފަރާތްތަކުން އިސްވެތިބެ ހިންގާ ސިލްސިލާ ކަންތައްތަކުގައި ވަކިވަކި ފުލުހުންނާއި ސިފައިންގެ ފޮޓޯތަކާއި، އެފަރާތްތަކުގެ ވަނަވަރު ޢާއްމުކޮށް، އެ ފަރާތްތަކުގެ ޢާއިލާގެ މެމްބަރުންނަށް އެކިއެކި ގޯނާތައް ކުރުމަށް ގޮވާލައި އަދި ދެމުންގެންދާ އިންޒާރުތައް ހުއްޓާލުމަށް ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމުން ގޮވާލައްވައިފިއެވެ.

ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އަމަން ބަލަހައްޓާ ސިފައިންނާއި ފުލުހުންގެ ވާޖިބަށް ހުރަސްއަޅާ މަގުމަތީގެ އަމާންކަން ނަގާލައި، މަގުމަތީގައި އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ޒިންމާދާރުކަން ކުޑަ މުޒާހަރާތަކުގެ ސަބަބުން އެތައްބައެއްގެ އަސާސީ ޚިދުމަތްތަކަށް ބުރޫއަރާ އަދި ސިޔާސީ ޙައްޤުތައް ގެއްލެމުންދާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ އިސްލާމީ އަދި ޑިމޮކްރަޓިކް މުޖުތަމަޢުއެއްގައި އެއްގޮތަކަށްވެސް ހިނގައިގެންވާނެ ކަމެއް ނޫން ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްގައިވާ އަސާސީ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތަކަށް ކޮންމެ ފަރާތަކަށްވެސް ބޭނުން ކުރެވެން ޖެހޭނެކަމަށެވެ. ޕީޕީއެމްއިން މިފަދަ މޭރުމަކުން ބަޔާނެއް ނެރުނުއިރު ސޯޝަލް މީޑިއާގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ބައެއް ފުލުހުންނާއި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރައްވާ ބައެއް މީހުންގެ ފޮޓޯތައް ޢާއްމުކޮށް އެފަރާތްތަކަށް އިންޒާރު ދެމުންކަން ފާހަގަކޮށްލެވެއެވެ.