އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ޢާންމު ރައްޔިތުން، ރައްޔިތުން މަޖިލިސް ކުރާ އިދާރާގެ ތެރެއަށް ވަދެފައިވަނީ ސަލާމަތީ ބާރުތަކަށް އެއްވެސް އިޙްތިރާމް ކުރުމެއް ނެތި ވަރަށް އަނިޔާވެރިކޮށް ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި އެއްވުމާ ގުޅޭގޮތުން ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެ އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުން މަޖިލިސް ކުރާ އިދާރާގެ ކަރާމާތަށް އަރައިގެންފައިކަމަށެވެ. ޕީޕީއެމްގެ ބަޔާނުގައި އިއްޔެ އިދިކޮޅު ފަރާތްތަކުން ހިންގި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަޞްލަހަތާ ކަރާމާތް އެކުލެވޭ ދައުލަތުގެ މުޢައްސަސާކަމަށްވީ ހިނދު ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރުމަށް ވަތް ފަރާތްތަކުގެ ވަކިތަކުން އެތަން ސަލާމަތް ކުރުމަށް ސަލާމަތީ ބާރުތަކުން ދައްކުވައިދީފައިވަނީ ލާމަސީލު ރީތި ނަމޫނާއެއް ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޕީޕީއެމުން ވަނީ އިއްޔެ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުން ކުށްވެރިކޮށް އިދިކޮޅު ފަރާތްތަކުން ހިންގި ޢަމަލުތައް ތަހްޤީޤް ކުރުމަށް ކަމާގުޅުންހުރި އިދާރާތަކަށް ގޮވާލާފައެވެ.