ޚަބަރު

ޕާކިސްތާނުގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެންފި


ރައީސް އަބްދުﷲ ޔާމީންގެ ދަޢުވަތަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުން މަރުޙަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުންނެވެ. އެއާޕޯޓްގައި ޕާކިސްތާނުގެ ބޮޑުވަޒީރަށް ވަނީ ރަސްމީ އިއްޒަތުގައި އޮނަރ ގާޑެއް އަރުވައިފައެވެ.

ނަވާޒް ޝަރީފްގެ މި ދަތުރުފުޅުގައި، އެމަނިފާނު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމާއި މިއަދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ބައްވަވާ ދެ ޤައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރާއްޖެއާއި ޕާކިސްތާނަކީ ޒަމާނުއްސުރެ ރަހުމަތްތެރިކަމުގެ ގުޅުންތައް ދަމަހައްޓައި، ދީނީ އަދި ސަޤާފީ ގޮތުން މައިގަނޑު އެއް ޢުޞޫލްތަކެއް ޤަބޫލުކުރާ ދެ ޤައުމެވެ. ރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ ޖުލައި، 26، 1966ވަނަ އަހަރުގައެވެ.