ޚަބަރު

"ޤަވާއިދާ ޚިލާފަށް އެއްވުމެއް ބާއްވަން ހުއްދައެއް ނުދެވޭނެ"


ސުލްހަވެރިކަމާއި އެކު އެއްވެ އުޅުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ އެއްވެސް ޤަވާއިދަކާ ޚިލާފަށް އެއްވެސް އެއްވުމެއް ބޭއްވުމުގެ ފުރުޞަތެއް ފުލުހުންގެ މުޢައްސަސާއިން ނުދެއްވާނެ ކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ.

މާދަމާ އިދިކޮޅު ފަރާތްތަކުން މާލޭގައި އެއްވުމެއް ބޭއްވުމަށް ނިންމަވާފައިވާތީ އެކަމާ ގުޅިގެން އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ފުލުހުން ދެއްވި ޕްރެސް ސްޓޭޓްމަންޓެއްގައި، ފުލުހުންގެ ސްޕޯކްސް ޕާސަން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ޙަރަކާތްތަކަކީ އެޕާޓީތަކުގެ އިސްވެރިންގެ ވިސްނުމާއި އެއްގޮތައް ބާއްވަމުންދާ އެއްވުމެއްކަން އެތައް ފަހަރަކު މީޑިއާގެ އެކި ވަޞީލަތްތައް މެދުވެރިކޮށް ބުނަމުން އަންނަ ކަމަށެވެ.

ޝިފާން ވިދާޅުވީ މާދަމާ އިދިކޮޅު ފަރާތްތަކުން އެއްވުމެއް ބާއްވަން ނިންމާފައިވާ ސަރަހައްދަކީ މާލޭގެ ޓްރެފިކް ބާރު ބޮޑު އަދި ދަޢުލަތުގެ މުހިއްމު މުޢައްސަސާތަކާ ސްކޫލުތަކާ އަދި އެހެނިހެން މުހިއްމު ތަންތަން ހުންނަ ސަރަހައްދެއް ކަމަށެވެ. އެހެންކަމުން އެސަރަހައްދުގައި ދިރިއުޅޭ ޢާންމު ރައްޔިތުންގެ ޒާތީ ދިރިއުޅުމަށް އުނދަގޫވާ ގޮތަށް އެއްވެސް އެއްވުމެއް ބޭއްވުމުގެ ފުރުޞަތު ފުލުހުން ނުދެއްވާނެ ކަމަށް ވެސް މާދަމާގެ އެއްވުމާ ގުޅިގެން ފުލުހުންގެ ސްޓޭޓްމަންޓް އިއްވަމުން ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ މާދަމާ އިދިކޮޅު ފަރާތްތަކުން އެއްވުން ބޭއްވުމަށް ނިންމާފައިވާ ސަރަހައްދަކީ ރާއްޖޭގެ ޤާނޫނުތައް މަނާ ކުރާ ސަރަހައްދެއް ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކުން އެމީހުންގެ އަމިއްލަ ފައިދާއަށް ކުރާ ކަންކަމަށް ޢާންމު ރައްޔިތުން ހުށަނޭޅުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.