ޚަބަރު

ގދ.ތިނަދޫ މިއުޒިއަމް ޕާރކް ނިންމައި އަންނަމަހު ހަވާލުކުރަނީ!


ގދ. ތިނަދޫ މިއުޒިއަމް ޕާރކްގެ ޢިމާރާތުގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި ހައުސިންގ މިނިސްރީއާއި ހަވާލުކުރުމަށް މަސައްކަތްކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީ އިން ބުނެފިއެވެ. ތިނަދޫ މިއުޒިއަމް ޕާކުގައި ދާރުލްއާސާރަކާ، ލައިބްރެރީއަކާއި އޮޑިޓޯރިއަމެއްގެ އިތުރުން ކުޑަކުދިންގެ ޕާކެއްވެސް ހިމެނެއެވެ.

ތިނަދޫގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަޝްރޫޢުއަކީ ތިނަދޫގައި ތަރައްގީކުރާ މިއުޒިއަމް ޕާކެވެ. ތިނަދޫގައި މީހުން އާބާދުވިތާ 50 އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ހަދާ  މި ޕާކުގައި ދާރުލްއާސާރަކާއި، އޮޑިޓޯރިއަމަކާއި، އެކި ބައްދަލުވުންތަކަށް ބޭނުންކުރުމަށް ހޯލަކާއި، ލައިބްރަރީއަކާއި، ލާނިންގ ސެންޓްރެއް ހިމެނެއެވެ. 

އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޚުޝާމް ވިދާޅުވީ މިއިމާރާތުގެ ހުރިހާ މަސައްކަތްތައް މުޅިންހެން ނިމިފައިވާކަމަށާއި މިހާރު ކުރަމުންދަނީ ނިންމުމަށް ކުރަންޖެހޭ ކުދި ކުދި މަސައްކަތްތަށް ކަމަށެވެ. ތިނަދޫ މިއުޒިއަމް ޕާރކްގެ ލޭންޑް ސްކޭޕިންގއާއި ޕޭވިންގ މަސައްކަތް އެމްއާރްޑީސީއާއި ހަވާލުކޮށްގެން ކުރަމުން އަންނައިރު މި މަސައްކަތްތައް އެއްކޮށް ނިމިފައިވާކަމަށް އެމްއާރްޑީސީއިން ބުނެއެވެ.

އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ މަސައްކަތް ނިންމަށް ކަނޑައަޅާފައިވާ ތާރީޚަށް މަސައްކަތް ނުނިމި ލަސްވެގެން ދިޔައީ، ޑިޒައިނަށް ގެނައި ބައެއް ބަދަލުތަކާއި، މިޔުޒިއަމްގެ ބައެއް ސާމާނުތަކަކީ ޗައިނާއިން ފެބްރިކޭޓް ކޮށްގެން ގެންނަ ސާމާނަށްވުމުން، ސަޕްލައިގައި ދިމާވި މައްސަލަތަކާއި ގުޅިގެންކަމަށެވެ. ނަމަވެސް މިއުޒިއަމް ޕާކުގެ މަސައްކަތް ނިންމައި އަންނަ މަހު ހައުސިންގ މިނިސްޓްރީއާއި ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ޚުޝާމް ވިދާޅުވިއެވެ. 

ތިނަދޫ މިއުޒިއަމް ޕާކުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. މި ޕާކް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ 20 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.