ރިޕޯޓް

ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާގެ ކުރިއެރުން!


މިސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ޢިމާރާތްކުރުމުގެ ދާއިރާއަށް އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވާ ޤައުމަކީ، ދިވެހިރާއްޖެކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ އިޤްތިސާދަށް ބަލާލާއިރު، އެންމެ ކުރިއަރަމުން އަންނަ އެއް ދާއިރާއަކީ، ޢިމާރާތްކުރުމުގެ ދާއިރާއެވެ. މަރުކަޒީ ބޭންކް އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކައިގޮތުގައި 2015 ވަނަ އަހަރު  ޤައުމީ އުފެއްދުންތެރިކަމަށް ބަލާއިރު، ޖީޑީޕީގެ ނިސްބަތުން ވަނީ 2.8 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ. 2016 އަހަރު ވަނީ 3.9 އިންސައްތަ ކުރި އަރާފައެވެ. އަދި އެ ޢަދަދު މިއަހަރު އިތުރަށް ކުރިއަރައިގެންދާނެކަމަށް ލަފާ ކޮށްފައިވާއިރު މި ބަދަލު އަންނަމުންދާ އެއްސަބަބަކީ އިމާރަތްކުރުމުގެ ދާއިރާއަށް އަންނަމުންދާ ކުރިއެރުންކަން މަރުކަޒީ ބޭންކުން ވަނީ ފާހަގަކޮށްފައެވެ. 

ޢިމާރާތްކުރުމުގެ ދާއިރަށް ބޮޑެތި ބަދަލަތަކެއް އައިސްފައި މިވަނީ ސަރުކާރުން ކުރިޔަށްގެންދާ ޢުމުރާނީ ތަރައްޤީގެ ބިޔަ މަސްރޫޢުތަކާއި، ރިސޯޓްތަށް ތަރައްޤީކުރުމާއި މަރާމާތު ކުރުމަށް ކުރެވުނު މަސައްކަތުގެ އިތުރުން ޢިމާރާތްކުރެވޭ މިންވަރު އިތުރުވެގެން ދިޔުމުންނެވެ. ޚާއްސަކޮށް ހުޅުމާލޭގައި ގެދޮރާއި، ވިޔަފާރި ތަންތަން ޢިމާރާތްކުރި ޢަދަދު އިތުރުވެގެން ދިޔުމުންނެވެ.  

ވޭތުވެދިޔަ ތިންއަހަރު ޢިމާރާތްކުރުމުގެ ދާއިރާއަށް އެވްރެޖްކޮށް %27 އާއި %30 އާ ދެމެދުގެ ކުރިއެރުމެއް ވަނީ އައިސްފައެވެ. ޢިމާރާތްކުރުމުގެ ދާއިރާ ކުރިއަރާފައިވާ  މިންވަރު ދައްކުވައިދޭ  އެންމެ މުހިންމު ދެ މިންގަޑަކީ މާލީ އިދާރާތަކުން ދޫކޮށްފައިވާ ލޯނާއި ޢިމާރާތްކުރުމުގެ ދާއިރާއަށް ބޭނުންވާ މުދާ އެތެރެކޮށްފައިވާ މިންވަރެވެ. 

ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތަކުން ޢިމާރަތް ކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯންގެ މިންވަރު 2016 ވަނަ އަހަރު ވަނީ %24 އިތުރުވެފައެވެ.  2016ވަނަ އަހަރު ނިމިނުއިރު ކޮމާޝަލް ބޭންކުތަކުން ދޫކޮށްފައިވާ 18.5 ބިލިޔަން ރުފިޔާގެ ލޯންގެ %21 އަކީ ޢިމާރާތްކުރުމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯންތަކެވެ. ކުރިއަށްވުރެ ފަސޭހައިން ފައިނޭންސް ހޯދޭނެ މަގުފަހިވުންމާއި ގެދޮރާއި އެހެނިނިހެން ޢިމާރާތްތަށްކުރުމަށް އޮތް ޑިމާންޑް އިތުރުވެގެން ދިޔުމުގެ ނަތީޖާއަކަށްވީ ޢިމާރަތް ކުރުމުގެ ދާއިރާއަށް ބޮޑު ބަދަލެއް އައުމެވެ. މި ބަދަލުގެ ސަބަބުން ރައްޖޭގެ އިޤްތިސާދަށް އެކަމުގެ ނަފާ ލިބެމުން ދާކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސަޢީދު ވިދާޅުވިއެވެ. މިސަރުކާރުގެ އެންމެބޮޑު އަމާޒަކީ އިޤްތިސާދު ފުޅާކުރުންކަމަށްވާއިރު ޢިމާރާތްކުރުމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާ، ފެންނަމުން މިދަނީ އެ މަސައްކަތާއެކު ޢިމާރާތްކުރުމުގެ ދާއިރާ ހަލުވިކަމާއިކު ކުރިއަރުމުންދާ މަންޒަރުކަމަށެވެ. 

މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުގައި ޢިމާރާތް ކުރަން މިދިޔަ އަހަރު 627 ފަރާތަކަށް ހުއްދަ ދޫކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %61 އިތުރުވުމެކެވެ. އަދި ބިމުން ފެންނަގާ ފެން ބޭނުން ކުރުމުގެ ހުއްދައަށް ނުވަތަ ޑީވޯޓަރިންއަށް އެކަނި ވެސް 176 ހުއްދަ ދީފައިވެއެވެ. މި ޢަދަދު ވަނީ %26 އިތުރުވެފައެވެ. ޢިމާރާތް ބޭނުން ކުރުމުގެ ހުއްދަ 547 ފަރާތަކަށް ދީފައިވެއެވެ. މިނިސްޓަރ ސައީދު ވިދާޅުވީ ޕްރެއިވްޓް ސެކްޓައަށް މާކެޓް ސްޕޭސް ވަރަށްބޮޑަށް ހުޅުވާލެވިފައިވާކަމަށާއި ނަތީޖާއެއްގެ ގޮތުން މިއަދު ޕްރައިވެޓް ކުންފުނިތަށް މިވަނީ ވަރަށް ބޮޑަށް ބީޒީވެފަކަމަށެވެ. 

މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އެންމެމުހިންމު ވަޢުދަކީ އިޤްތިސާދު ފުޅާކުރުންކަން ފަހަގަކުރައްވަމުން އިޤްތިސާދާ ބެހޭވަޒީރު ވިދާޅުވީ ރާއްޖެ މިއަދު ދެކެމުންމިދާ އިޤްތިސާދީ ކުރިއެރުމުގެ އެއްމެބޮޑު ދައުރެއް އަދާކުރި އެއް ދާއިރާއަކީ ޢިމާރާތްކުރުމުގެ ދާއިރާކަމަށެވެ. އަދި އެ ދާއިރާއަށް އަންނަމުންދާ ތަރައްޤީ އެންމެބޮޑަށް ދައްކުވައިދެނީ މާލެ ސަރަހައްދުން ފެންނަމުންދާ ޓަވާރ ކެރޭންތަށްކަން މިނިސްޓަ ފާހަގަކުރެއްވިއެވެ. 

އިމާރާތްކުރުމުގެ ދާއިރާ ހަލުވި ކަމާއިކު ކުރިޔަށްދާއިރު މި ދާއިރާއަށް އިތުރު ކުރިއެރުން އަންނާނެ މަންޒަރު މިވަނީ ފެއްނަންފަށާފައެވެ. އެ މަންޒަރު އެންމެ ބޮޑަށް ދައްކުވައިދެނީ ހުޅުމާލެއިންނެވެ. ރިޔަލްސްޓޭޓްގެ ވިޔަފާރި ތަޢާރަފްވެ ފުޅާވަމުން އަންނައިރު މިއީ ޢިމާރާތްކުރުމުގެ ދާއިރާއަށް އިތުރު ކުރިއެރުން އަންނާނެ ކަމެކެވެ.