ޚަބަރު

ރައީސް، އިންޑިއާގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ވިދާޅުވެއްޖެ


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑިޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ރާމް ނާތު ކޯވިންދަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، އިންޑިޔާގެ ރައީސްކަމަށް އިންތިޚާބުވެވަޑައި ގެންނެވިކަމަށްޓަކައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރާމް ނާތު ކޯވިންދަށް ވަރަށް ހޫނު ‏މަރުހަބާއެއް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިޔާގެ އިންތިޚާބީ ރައީސް ރާމް ނާތު ކޯވިންދުގެ ޒަޢާމަތުގައި، އިންޑިޔާއަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ‏‎.‎‏ އަދި، ރާއްޖެއާއި އިންޑިޔާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ދެ ޤައުމަށް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވައި، މި ގުޅުން ރާމް ނާތު ކޯވިންދުގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.