ޚަބަރު

ޢާންމު ކޮންމެޓީގެ ބައްދަލުވުން ކެންސަލްކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ވަގުތު ކަނޑައެޅުއްމުގެ ގޮތުން މާދަމައަށް އެޖެންޑާ ކުރި މަޖިލީހުގެ ޢާންމު ކޮންމެޓީގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ. 

ނަމަވެސް މި ކޮމެޓީ ކެންސަލްކުރި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެއެވެ. ނަމަވެސް މާދަމައަށް ތާވަލްކުރި ޢާންމު ކޮމެޓީގެ ބައްދަލުވުން ކެންސަލް ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން ވިދާޅުވީ އެ ކޮމެޓީ ކެންސަލްވުމުން ބޮޑަށް ބެލެވެނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާ ނުބާއްވަވާނެކަންކަމަށެވެ. ސަބަބެއް ކަމަށް އެ މެމްބަރުން ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ކުރެއްވި ބައެއް މެމްބަރުން ޕީޕީއެމްއިން ވަކި ކޮށްފައިވުމުން، ސުޕްރީމް ކޯޓުން މި މަހުގެ 13ވަނަ ދު ވަހު ނެރުއްވި ހުކުމުގައި ވިދާޅުވެފައިވާ ގޮތަށް އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލޭނެތީކަމަށެވެ.

ޕީޕީއެމްއިން ވަކިކުރިކަމަށް އެޕާޓީންބުނާމެމްބަރުންނަކީ ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރި ދާއިރާގެ މެމްބަރު މުޙައްމަދު އަމީތާއި ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ހުސައިންއާއި ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދެވެ.

މި ހަތަރު މެމްބަރުން ޕީޕީއެމްއިން ވަކިކުރިއަސް އެ މެމްބަރުންގެ ގޮނޑި ގެއްލޭނީ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެކަން އަންގާ ދުވަހުންފެށިގެންކަމަށް ޕީޕީއެމުން ބުނެއެވެ. 

އެހެންކަމުން ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ޖަލްސާ އަންނަ ހޯމަދުވަހަށް އެޖެންޑާކުރި ނަމަވެސް ބޮޑަށް ބެލެވެނީ އެ މައްސަލަ ކެންސަލްވާނެކަމަށް ކަމަށް ޕީޕީއެމުންބުނެއެވެ. އެއީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅޭނީ ސާޅީސްދެ މެމްބަރުންގެ ސޮޔާއެކުކަމަށް މަޖިލީހުގެ ޤަވާޢިދުގައި ބަޔާންކޮށްފައިވާއިރު ޕީޕީއެމްއިން ވަކިކުރިކަމަށްބުނާ ހަތަރު މެމްބަރުންނާއެކު، މިހާރު މަޖިލީހަށް ހުށަހަޅުއްވާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ބާޠިލްވާނެކަމަށް ޤަބޫލުކުރެވޭކަމަށްވެސް ޕީޕީއެމުންބުނެއެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާ ކެންސަލްކުރިކަމެއް، މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން އަދި އަންގާފައެއްނުވެއެވެ. މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.