ޚަބަރު

ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލެންޖެހޭ- ޕީޕީއެމް-އެމްޑީއޭ


ރައްޔިތުން އިންތިޚާބުކުރާ މަޖިލިސް މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުން ހުއްޓުވުމަކީ މުހިއްމުކަމެއްކަމަށާއި އެކަމަށް ޕީޕީއެމް-އެމްޑީއޭ ޕާލިމެންޓަރީ ގުރޫޕްގެ ފުރިހަމަ ތަޢީދު އެބައޮތްކަމަށް، ޕީޕީއެމް- އެމްޑީއޭ ޕާލިމެންޓަރީ ގުރޫޕުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވެވި ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕްގެ ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމް ޕާލިމެންޓަރީ ގުރޫޕްގެ ލީޑަރު، ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ، ރައްޔިތުން އިންތިޚާބުކުރާ މަޖިލިސް މެމްބަރު ފިކުރު ބަދަލުކޮށް، ޕާޓީ ބަދަލުކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫންކަމަށެވެ. އަދި ހިޔާލު ހޯދުމުގެ ސާވޭތަކުން، މަޖިލިސް މެމްބަރުން ޕާޓީ ބަދަލުކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑަށް ދެކޮޅު ހަދާކަމެއްކަން ހާމަވެފައިވާކަމަށް ނިހާން ވިދާޅުވިއެވެ. އެހެންކަމުން ޕާޓީ ބަދަލުކުރާ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ކަނޑައަޅައިދިނުމަށް ސަރުކާރުން ސުޕްރީމްކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ޕީޕީއެމް އެމްޑީއޭ ޕާލިމެންޓްރީ ގުރޫޕުން ފުރިހަމައަށް ތާޢީދުކުރައްވާނެކަމަށް ނިހާން ވިދާޅުވިއެވެ. 

ނިހާންގެ ވާހަކަފުޅުގައި މަޖިލިސް މެމްބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެއްޓެވި މަސައްކަތެއްކަމަށް ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14997614246847.jpg|އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު / ފޮޓޯ: ޕީއެސްއެމް ނިއުސް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވީ މަޖިލިސް މެމްބަރުން ރިޝްވަތު ނަންގަވާ ވާހަކަތަކާއި ވޯޓު ވިއްކާ ވާހަކައަކީ އަބަދުވެސް އިވެމުންދާ ވާހަކަތަކެއްކަމަށެވެ. އަދި އެމަނިކުފާނަށްވެސް އެފަދަ މަންޒަރުތަކެއް ފެނިފައި އެބަހުރިކަމަށާއި އެއީ ކޮންމެހެންވެސް ހުއްޓުވަންޖެހޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ޤާނޫނުތައް ބަދަލުކުރުމަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ތަނަކަށް މަޖިލިސް ހެދުމަށް ކޮންމެހެންވެސް މިހާރު ކުރަންޖެހިފައިވާކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޖިލިސް މެމްބަރުންގެ ޕާޓީ ބަދަލުކޮށްގެން ކުރަން އުޅޭނީ އަމިއްލަ މަސްލަޙަތަށްޓަކައިކަމަށެވެ. އަދި އެއީ ޤައުމީ މަސައްކަތެއް ނޫންކަމަށާއި އިދިކޮޅު ފަރާތްތަކުން އުޅެނީ ސަރުކާރު ވައްޓާލާ، ބަޣާވާތެއް ކުރަންކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ޤާނޫނާއި ޚިލާފް ކަންތައްތައް ހުއްޓުވާނޭކަމަށާއި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅުއްވަމުން ގެންދަވާނޭކަމުގެ ޔަޤީންކަން އަބްދުއްރަހީމް ވިދާޅުވިއެވެ. 

ޕީޕީއެމްގެ ޕާލިމެންޓްރީގެ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރައްވަނީ މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ މުޢައްސަސާތަކުގެ މިނިވަންކަން ނަގާލާ، އެތަންތަނުގެ ކޮންޓްރޯލް ވަކި ބަޔަކަށް ދީގެން، ޤައުމު ހަލަބޮލިކުރުމަށްކަމަށެވެ. އަދި ސަރުކާރުން ޤައުމު ތަރައްޤީކޮށް، ބިޔަ ޕްރޮޖެކްޓްތައް ކުރިއަށްދާއިރު، މިފަދަ ކަންކަން ކުރާނީ އިޚްލާސްތެރިކަމެއް ނެތިގެންކަމަށް ރިޔާޒް ވިދާޅުވިއެވެ.