ޚަބަރު

ދައުލަތުން ޙާޒިރުނުވެގެން ޤާސިމްގެ މައްސަލަ ބޭރުކޮށްލައިފި


ޤާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީއަތްތަކުގެ އަޑުއެހުންތަކަށް ދައުލަތުގެ ވަކީލުން ހާޒިރު ނުވެގެން އެމައްސަލަ ކްރިމިނަލްކޯޓުން ބޭރުކޮށްލައިފިއެވެ.

މިރޭ 19:00 އަށް ކްރިމިނަލްކޯޓުގައި ތާވަލްކޮށްފައި އޮތީ ޤާސިމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅައިދިނުމަށް އޭނާގެފަރާތުން އެދިފައިވާ މައްސަލައާމެދު ގޮތެއް ނިންމުމުގެ މައްސަލައެވެ. މިމައްސަލައިގެ އަޑުއެހުމަށް މިރޭ ދައުލަތުގެ ވަކީލުން ކޯޓަށް ހާޒިރެއްނުވެއެވެ. 

މިރޭ މިމައްސަލަ ކޯޓުން ބޭރުކުރީ ދައުލަތުގެ ވަކީލުން ހާޒިރުވޭތޯ މަޑުކުރުމަށްފަހުއެވެ. 

ޤާސިމްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވަނީ ރަސްމީގޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒުފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާއާއި، ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅުނުކަމުގެ ކުށުގެ ދަޢުވާއާއި ވޯޓް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދަޢުވާއެވެ.