ޚަބަރު

ފޮރިން މިނިސްޓަރ އޯއައިސީގެ ބައްދަލުވުމަށް ފުރާވަޑައިގެންފި


އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯއައިސީގެ 44 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް އައިވަރީކޯސްޓަށް މިއަދު ފުރާވަޑައިގެންފިއެވެ. 

އައިވަރީކޯސްޓުގެ އަބިދްޖާންގައި ކުރިއަށްދާ މިބައްދަލުވުމުގައި ފަލަސްތީނުގެ ޙާލަތާއި ދުނިޔޭގެ އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ މައްސަލަތަކާއި ސިޔާސީ ނުފޫޒުތަކާއި ޓެރަރިޒަމް އަދި އިންސާނީ ހައްޤުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ. އޯއައިސީގެ 44ވަނަ ބައްދަލުވުން ފެށޭނީ މާދަމާއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުމުގައި ފޮރިން މިނިސްޓަރ ޑރ. އާސިމް ތަޤްރީރް ކުރައްވާނެއެވެ. މިއަހަރުގެ ބައްދަލުވުމުގެ ޝިއާރަކީ، ޔޫތު ޕީސް އެންޑް ޑިވެލޮޕްމަންޓް އިން އަ ވޯރލްޑް އޮފް ސޮލިޑަރޓަރީއެވެ. 

އޯއައިސީގެ މެމްބަރު ޤައުމަކަށް 1976 ވަނަ އަހަރުގެ ޖުލައި މަހުގެ 26ގައި ރާއްޖެވީ ފަހުން ރާއްޖެއިން އަންނަނީ އޯއައިސީގެ ހުރިހާ ބައްދަލުވުމެއްގައިވެސް ބައިވެރިވަމުންނެވެ.