ޚަބަރު

އަދީބުގެ ޤާނޫނީ ދެ ވަކީލުންގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަނީ


ސައްހަ ނޫން މަޢުލޫމާތު ފަތުރަން އުޅޭ ކަމުގެ ތުހުމަތުގައި، ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ ޤާނޫނީ ދެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހުފޫޒު ސަޢީދުގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަން ފުލުހުން ފަށައިފިއެވެ.

އަދީބު މަރާލަން އުޅޭ ކަމަށް ބުނާ މައްސަލަ ފުލުހުންނަށް މިދިޔަ ހަފްތާގައި އަދީބުގެ ޤާނޫނީ ވަކީލުން ވަނީ ހުށައަޅާފައެވެ. އަދި އެ މައުލޫމާތު އެބޭފުޅުންނަށް ލިބުނު ގޮތް ހޯއްދެވުމަށް ފުލުހުންގެ އިދާރާއަށް އަދީބުގެ ޤާނޫނީ ވަކީލުން މީގެކުރިންވެސް ވަނީ ހާޒިރުކޮށްފައެވެ. ނަމަވެސް އަދީބު މަރާލަން އުޅޭކަމުގެ މައުލޫމާތު ލިބުނު ގޮތް އެ ދެ ވަކީލުން ފުލުހުންނަށް ކިޔައި ނުދެއްވުމުން ދެވަނަ ފަހަރަށް އެދެބޭފުޅުން ވަނީ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކުރައްވާފައެވެ. އަދި ކޯޓު އަމުރެއްގެ ދަށުން ތިން މަސް ދުވަހަށް އެ ދެވަކީލުންގެ ފޯނުވެސް ވަނީ ރޭ ހިފަހައްޓާފައެވެ. ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން އެ ދެބޭފުޅުންގެ މައްޗަށް ވަނީ ތިން ތުހުމަތެއްވެސް ކުރައްވާފައެވެ. އެއީ ސައްހަ ނޫން މައުލޫމާތު ފެތުރުމާއި ގާނޫނު ތަންފީޒު ކުރާ އިދާރާއަށް ހުރަސް އެޅުމާއި ޤާނޫނުގެ ބާރު ހިންގުމަށް ހުރަސް އެޅުމުގެ ތުހުމަތެވެ.