ޚަބަރު

ފަހުނޭވައާ ހަމައަށްވެސް ހުންނާނީ ރައީސް ޔާމީނާއެކު-ޢަބްދުއްރަޙީމް


ފަހު ނޭވާއާ ހަމައަށްވެސް ހުންނަވާނީ ރައީސް ޢަބްދުﷲ ޔާމީނާއެކުކަމަށް ޕީޕީއެމްގެ ނާއިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުރަހީމް ޢަބްދުﷲ  ވިދާޅުވެއްޖެއެވެ. 

އަބްދުއްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ މައިދާނަށް  ނުކުންނެވީ ރައީސް ޔާމީނާއި އެކުކަމަށާއި ސިޔާސީ މައިދާނުން ދުރަށް ވަޑައިގަންނަވާނީވެސް ރައީސް  ޔާމީނާއި އެކުކަމަށެވެ. ފަހުނޭވާއާއި ހަމައަށްވެސް ރައސް ޔާމީނާއި އެކު ހުންނަވާނެކަން ހާމަކުރައްވަމުން ޢަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝިދާއި ޤާސިމް އިބްރާހިމްގެ ފަހަތްޕުޅަށް ދުވަހަކުވެސް އަރާ ވަޑާއިނުގަންނަވާނެކަމަށެވެ.

ރައްޔިތުން މަޖިލީހުގެ ޕީޕީއެމް ފޭދޫ ދައިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ތިބީ ވަރަށް ސާބިތުކަމާއިއެކު ރައީސް ޔާމީންގެ ފަހަތްފުޅުގައިކަމަށެވެ. އަދި ޕީޕީއެމްގެ ޓީމް ބަލިނުކުރެވޭނެކަމަށްވެސް އިބްރާހީމް ދީދީ ވިދާޅުވިއެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ޕީޕީއެމްއަށް ނިސްބަތްވާ ދިހަ މެމްބަރުންނާއި އެކު މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށައެޅުމުން ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި ބައެއް ވަޒީރުން ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ.