ޚަބަރު

ފާރިސް ސަރުކާރާ ދެކޮޅުވީ ނާއިބުރައީސްކަން ނުލިބުމުން - ސަޢީދު


ސަރުކާރާއި އިދިކޮޅަށް ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން މަސައްކަތްކުރައްވަނީ ނާއިބް ރައީސްކަމުގެ މަޤާމަށް ވަޑައިގަންނަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވެޑައިގަތުމުންކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ފީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ނާއިބް ރައީސްކަމުގެ މަޤާމަށް އަހުމަދު އަދީބް އައްޔަންކުރެއްވި ދުވަސްވަރު އެ މަޤާމަށް ވަޑައިގަތުމަށް ފާރިސް މައުމޫނާއި މަޝްހޫރު ވިޔަފާރިވެރިޔަކު ފައި ނެންގެވިކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ވިޔަފާރިވެރިއެއްކަމެއް މިނިސްޓަރ ސައީދު ވިދާޅެއް ނުވެއެވެ. 

މިނިސްޓަރ ސަޢީދު ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝީދަކީ އެއް ބޭފުޅަކު އަނެއް  ބޭފުޅަކަށް ފާޑު ވިދާޅުވި ބޭފުޅުންނަސް ވާއިރު އޭރު ދެއްކި ހުރިހާ ވާހަކަތަކެއް މިހާރު ބަދަލުވެ އެކުގައި މަސައްކަތް ކުރައްވާކަމަށް ވިދާޅުވުމުން އެ ވާހަކަތަކާއި މެދު ސުވާލު އުފެދޭކަމަށެވެ. އަދި އަމިއްލަ އެދުމަށް މުޅި ޤައުމު ފަނާކޮށްނުލާ ކަންކަމާއި ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށްވެސް މިނިސްޓަރ ސައީދުވަނީ ގޮވާލައްވާފައެވެ. 

އިދިކޮޅު ފަރާތްތަކުން ސިޔާސީ ޕޯޑިއަމްތަކަށް އަރާ ޤައުމުގެ ހައްޤުގައި މަސައްކަތް ކުރަމުންދާކަމަށް ބުނިނަމަވެސް  އެކަން އެ މީހުންގެ އަމަލުތަކުން ނުފެންނަ ކަމަށާއި ފެންނަނީ އަމިއްލަ އެދުމައިގެން ކަންކަން ކުރަމުންދާތަންކަންވެސް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.