އިއްޔެ ޢަމަލުކުރަން ފެށި ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރި ކުރުމުގެ ގޮތުން އެ ޤާނޫނުގެ އެޕްލިކޭޝަނެއް މި މަހުގެ ތެރޭގައި ތަޢާރަފް ކުރާނެ ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އޭޖީ އޮފީހުގެ ޑެޕިއުޓީ ކައުންސިލް ޖެނެރެލް ޝަފީޢާ ރިޒާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރި ކުރުމުގެ މަސައްކަތް މިހާރުވެސް އެ އޮފީހުން ކުރަމުންދާކަމަށެވެ. އެގޮތުން އާ ޤާނޫނުލްއުޤޫބާތަށް ރައްޔިތުން އަހުލުވެރި ކުރުމުގެ މަސައްކަތް ކުރި ފަދައިން ޖިނާއީ އިޖުރާއަތުގެ ޤާނޫނަށްވެސް ކަމާ ގުޅޭ އިދާރާތަކާއި ޢާންމުން ހޭލުންތެރި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަފީޢާ ވިދާޅުވިއެވެ.
ޖުމްލަ 30 ބާބުގެ މައްޗަށް އެކުލެވޭ ޖިނާއީ އިޖުރާއަތުގެ ބިލަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ. މިފަދަ ޤާނޫނެއް ވުޖޫދަށް ގެނައުމުގެ މަޤުޞަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަޙްޤީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުޤީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.