ޚަބަރު

ވަގަށް ސޮއިކުރި މައްސަލަ ބަލައިދިނުމަށް ހުށަހަޅުއްވައިފި


ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށް ސޮއިކޮށްފައިވާ ލިސްޓްގައި ސަރުކާރު މެމްބަރު އިސްދޫ ދާއިރާގެ އަޙްމަދު ރަޝީދަށް އެނގިވަޑައިނުގެން އޭނާގެ ނަމާއި އޭނާގެ ސޮއި އެ ލިސްޓްގައި ހިމަނާފައިވާތީ އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި އަޙްމަދު ރަޝީދު މަޖިލީހަށް މައްސަލައެއް ހުށައަޅުއްވައިފިއެވެ. 

އަޙްމަދު ރަޝީދު ސޮއިކުރައްވާ މަޖިލިސް ރައީސް ޢަބްދުﷲ މަސީހު މުހައްމަދަށް ފޮނުއްވި އެ ސިޓީގައި ވަނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ސޮއިކޮށްފައި ނުވާނެ ކަމަށެވެ. އަދި އަޙްމަދު ރަޝީދުގެ ނަމުގައި އެ ބަޔާނުގައި ސޮއިކޮށްފައިވާ ސޮޔަކީ ސައްޙަ ސޮއެއްނޫން ކަމަށްވެސް މަޖިލިސް ރައީސަށް އަހްމަދު ރަޝީދު ފޮނުއްވި ސިޓީގައިވެއެވެ. އެ ސިޓީގައި އޭނާ ވިދާޅުވެފައި ވަނީ އެ މައްސަލަ ބެލުމަށްފަހު، ޤާނޫނާއި ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން މިއަދު ހުށައެޅީ 45 މެމްބަރުންގެ ސޮއިއާއެކުގައެވެ. އޭގެތެރޭގައި ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްއަށް ނިސްބަތްވާ 9 މެމްބަރަކުވެސް ހިމެނެއެވެ.