ޚަބަރު

ޒާހިދު އެޗްއާރުސީއެމްގެ ނައިބު ރައީސްކަމަށް އައްޔަންކުރައްވަނީ


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނާއިބު ރައީސްކަމަށް މުޙައްމަދު ޒާހިދު ޢައްޔަން ކުރެއްވުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީން އާންމު ވަނީ އެޗްއާރުސީއެމްގެ ނާއިބު ރައީސްކަމަށް މުހައްމަދު ޒާހިދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ ތަޅުމަށް އިއްވަވާފައެވެ.

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޒާހިދު ޢައްޔަން ކުރެއްވީ މިދިޔަ މަހުގެ ޖޫންމަހުގެ 15ވަނަ ދުވަހުއެވެ. ޒާހިދު އަކީ އެޗްއާރުސީއެމްގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ޒާހިދު މިހާތަނަށް ހުންނެވީ ޖެންޑަރ މިނިސްޓަރުގެ ނައިބުގެ މަގާމުގައެވެ. 

އެޗްއާރުސީއެމްގެ މެމްބަރުކަމަށް ޒާހިދު އައްޔަން ކުރެއްވީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި ޝިފާގު މުފީދު ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާދެއްވުމުންނެވެ. 

ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނަށް 2014 ވަނަ އަހަރު ގެނެސްފައިވާ އިޞްލާހެއްގައި ވިދާޅުވެފައިވަނީ ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އަދި އެ ދެ މަޤާމަށް ރައީސް ޢައްޔަން ކުރައްވާ ބޭފުޅުންނަށް ރުހުން ދެއްވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް އެޗްއާރްސީއެމްގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާހުގައިވެއެވެ.