ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިއިރު ޕީޕީއެމްގެ ބައެއް މެމްބަރުންގެ ސޮއިކޮށްފައި ވަނީ އެ މެމްބަރުންނަށް ނޭނގި ކަމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ މިމައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ވަނީ ޕީޕީއެމްގެ 9 މެމްބަރުންގެވެސް ސޮއިއާއެކުގައި ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުންގެ ސޮއި ކޮށްފައިވަނީ އެ މެމްބަރުންނަށް ނޭނގި ކަމަށާއި އޭގެތެރޭގައި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު ރަޝީދުގެ ސޮއިކޮށްފައިވަނީ އޭނާއަށް "ވަގަށް" ކަމަށެވެ. ނިހާން ވިދާޅުވީ ޕީޕީއެމް މެމްބަރުންގެ ސޮއި ހޯދާފައި އެވަނީ އެކިކަންކަމާއި އެ މެމްބަރުން ހިތްހަމަ ނުޖެހިފައިތިބި ދަނޑިވަޅުތަކުގެ ފުރުސަތު ބޭނުންކޮށްގެން ކަމަށެވެ. އަދި އެކަންތައްތައް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާ ދުވަހާ ހަމައަށް ޕީޖީ ގްރޫޕުގެ ތެރޭގައި ވާހަކަދައްކައިގެން ހައްލު ކުރައްވާނެ ކަމަށާއި މިފަހަރުވެސް މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރު ކޯލިޝަނުން ކާމިޔާބު ކުރާނެ ކަމަށް ނިހާން ވިދާޅުވިއެވެ.
މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކޮށްފައިވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުހައްމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީއާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަހުމަދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިޤެވެ.