ޚަބަރު

މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް އަނެއްކާވެސް ހުށަޅައިފި


ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ އަނެއްކާވެސް މަޖިލީހަށް ހުށަހަޅައިފިއެވެ. 

މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ 45 މެމްބަރުންގެ ސޮޔާއިއެކުއެވެ. މިއީ މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅި ތިންވަނަ ފަހަރެވެ. މަސީހުގެ މައްސަލަ ހުށައެޅުމަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ އިތުރުން ޕީޕީއެމްގެ ނުވަ މެމްބަރުންވެސް ހިމެނެއެވެ. މަސީޙްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމުން ސޮއިކޮށްފައިވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަގެނތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ އަހުމަދާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިޤެވެ.  

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވެއްދިއިރު އެމްޑީޕީގެ މެމްބަރެއް ކަމަށްވާ ކޮމަންޑޫ ދާއިރާގެ މެމްބަރު އަޙްމަދު ނާޝިދު މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ. 

މިއީ މިއަހަރުގެ ތެރޭގައި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާ ދެވަނަ ފަހަރެވެ. މިދިޔަ މާޗް މަހުގެ 27ވަނަ ދުވަހު ނެގި އިތުބާރު ނެތްކަމުގެ މައްސަލަ ސަރުކާރުން ކާމިޔާބުކުރީ 48 މެމްބަރުންގެ ވޯޓުންނެވެ. އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި އިދިކޮޅު މެމްބަރުން މި ވޯޓުގައި ބައިވެރިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.