ޚަބަރު

ޖިނާއީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް!


މިއަދަކީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް އައި ދުވަހެކެވެ. 

ރާއްޖޭގައި މުޅިން އަލަށް ޖިނާއީ އިޖުރާއަތްތަކާއި ގުޅޭ ޚާއްސަ ޤާނޫނެއް އުފަންކޮށް މިއަދު އެޤާނޫނަށް މިވަނީ ޢަމަލުކުރަން ފަށާފައެވެ. ޖިނާއީ އިޖުރާޢަތުގެ ޤާނޫނާ ގުޅޭގޮތުން އެޓާރނީ ޖެނެރަލް އޮފީހުން ވިދާޅުވީ އެ ޤާނޫނަކީ ޒަމާނީ ޤާނޫނީ ނިޒާމެއްގެ ކުލަވަރާއި ސިފަތައް ޤާނޫނީ ނިޒާމުގައި ޖައްސައިދޭނެ ނިޒާމެއް ކަމަށެވެ. 

2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަކީ ރާއްޖެއަށް މުޅިން އާ ޤާނޫނެކެވެ. މިއީ ޖިނާއީ ޢަދުލުގެ ނިޒާމު މިހާރު ހިނގަމުން އަންނަ ގޮތް މުޅިން ބަދަލުވެގެންދާނެ ޤާނޫނެއް ކަމަށް ޤާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ ޖިނާއީ އިޖުރާއަތަކީ ވަރަށް ރަނގަޅު އަދި ރާއްޖެއަށް އެހާމެ މުހިއްމު ޤާނޫނެއް ކަމަށެވެ. އަދި ބަންދުގައި ތިބި މީހުންނަށް ދަޢުވާ ކުރާނެ ދުވަހެއް ނޭނގި އޮންނަ އޮތުން މި ޤާނޫނުގެ ސަބަބުން ނިމުމަކަށް އަންނާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ސަބަބުން މިހާރު ޢަމަލު ކުރަމުން އަންނަ ޤާނޫނުލް އުޤޫބާތަށް ވެސް އިތުރު ފުރިހަމަ ކަމެއް ލިބޭނެކަމަށެެވެ. 

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފެށުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެޓާރނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ކައުންސިލް ޖެނެރަލް ޝަފީއާ ރިޒާ ވިދާޅުވީ ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގެ ސަބަބުން ޤާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރައްވާފައި ހައްޤުތައް ލިބޭނެ ކަމަށެވެ. 

ޖިނާއީ އިޖުރާއަތުގެ ޤާނޫނު ނުވަތަ ޖިނާއީ ކުށްތައް ހަމައެކަނި ތަހްޤީޤު ކުރުމުގެ ބާރު ލިބިގެންވަނީ ފުލުހުންނަށް ކަމަށް ބައެއް ބޭފުޅުންނަށް ހީވެފައި އޮތް އޮތުން މި ޤާނޫނުގެ ސަބަބުން ނިމުމަކަށް އަންނާނެ ކަމަށް ވިދާޅުވެ ޝަފީއާ ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ތަފާތު އެކި އިދާރާތައް ޝާމިލުވާނެކަމަށެވެ. 

ޖިނާއީ އިޖުރާއަތުގެ ޤާނޫނަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި 2004ވަނަ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހު އިޢުލާން ކުރެއްވި އިސްލާހީ އެޖެންޑާގައި ހިމަނުއްވާފައިވާ ޤާނޫނެކެވެ. އެހެންނަމަވެސް އޭގެފަހުން ފާއިތުވި ތިން ސަރުކާރުގެ ދުވަސްވަރުވެސް ރައްޔިތުންގެ މަޖިލީހަށް މިޤާނޫނުގެ މަސައްކަތް ފުރިހަމަ ކުރެވިފައިނުވާކަން ފާހަގަކުރެވެއެވެ.