ތަރައްްޤީ

ހުޅުމާލޭ 2ވަނަ ފިޔަވަހީގެ މަގު ހެދުމުގެ މަސައްކަތް ބާރުދުވެލީގައި


ރާއްޖޭގެ ތަރައްޤީގެ ދުވެލި އިންޤިލާބީ ބަދަލަކާއި ދިމާލަށް މިސްރާބު ޖަހާފައިވާއިރު، މިވަގުތު އެންމެ ހަލުވިމިނުގައި ކުރިއަރަމުން އަންނަ ސަރަޙައްދަކީ ހުޅުމާލެއެވެ. 

ވަކިން ޚާއްސަކޮށް ޒުވާނުންގެ އުއްމީދުތަކާއި ގުޅިފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތަކީ ހުޅުމާލޭގެ މުޅި މަލަމަތި އެއްކޮށް ބަދަލުކޮށްލުވާ ފަދަ ބިޔަ މަޝްރޫޢެކެވެ. 2015 ވަނަ އަހަރުގެ ޖެނުއަރީ މަހު ފެށި މިމަޝްރޫޢުގެ ދަށުން ހުޅުމާލޭ ފަޅުން ގާތްގަނޑަކަށް 244 ހެކްޓަރުގެ ބިން 77 ދުވަހުގެ ތެރޭގައި ހިއްކާ ނިންމާފައިވެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާއިރު، ކޮންމެ ހަފްތާއަކުވެސް ދެވަނަ ފިޔަވައްސަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން އެޗް.ޑީ.ސީން ފާހަގަކުރެއެވެ. އަލަށް ހިއްކި ސަރަހައްދުގެ ފަސްގަނޑު އެއްވަރުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވާއިރު، މިހާރު އެންމެ ބާރު މިނުގައި ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަސައްކަތެވެ.

އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، މަގުތަކުގައި ތާރުއެޅުމުގެ ލޭޔަރ ފިޔަވައި، ދެންހުރި ލޭޔަރތައް އެޅުމުގެ މަސައްކަތާއި، މަގުތަކުގެ އަރިމަތީގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި ތާރުއެޅުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަކަމަށާއި، ހުޅުލެއިން ފެށިގެން ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ހިސާބަށް ގުޅުވައިދޭ މަގުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމާލުމަކީ އަމާޒެއްކަމަށެވެ.

"މަގުގައި ތާރުއެޅުމުގެ ލޭޔަރ ފިޔަވައި ދެންހުރި ހުރިހާ ލޭޔައެއްގެ މަސައްކަތް ނިމި، ކާބްސްއާއި، މަގުގެ އަރިމަތީގައި ކުރަންޖެހޭ މަސައްކަތްތަކާއި، މަގުގެ ރޯޑް ޑިވައިޑަރއާއި މިހުރިހާ މަސައްކަތެއް ވަނީ ނިމުމަކާ ހިސާބަށްގޮސްފައި. އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރު ނިމުމުގެ ކުރީގައި 15 ކިލޯ މީޓަރުގެ ހުރިހާ މަގެއް ހުޅުމާލޭގައި ނިމި، އެއަރޕޯޓުން ފެށިގެންގޮސް، ހުޅުމާލޭގެ ފޭސް 2 ގެ އެންމެ ކޮޅާ ހަމައަށް ގެންނަންޖެހޭ ހުރިހާ މޭޖަރ ކަނެކްޓިވިޓީއެއް ނިމިފައި އޮތުން. މަގުގެ މަސައްކަތް ތާވަލް ކުރެވިފައިވާގޮތަށް ހަމަކުރިއަށް އެބަދޭ. ދެން ފިޒިކަލީ ކޮންމެ ހަފްތާއަކީވެސް ހުޅުމާލޭ ފޭސް 2 އަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ހަފްތާއެއް" އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ސައިމަން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14823120058766.jpg|ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު- ފައިލް ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ޚިލާފަށް، ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގައި އެޗް.ޑީ.ސީގެ މައިގަނޑު ޕްލޭނަކީ ދެވަނަ ފިޔަވަހީގެ ހުރިހާ މަޝްރޫޢެއްވެސް އެކު އެކީގައި ކުރިއަށްގެންދިއުމެވެ. އެގޮތުން މަގުހެދުމާއި، ފެނާއި، ނަރުދަމާގެ އިތުރުން، އެތަނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ބާރު ދުވެލީގައި ދަނީކުރަމުންނެވެ. ސައިމަން ވިދާޅުވީ، މަގުތަކުގެ މަސައްކަތާއި އެއްގޮތަށް، ފެނާއި ނަރުދަމާގެ މަސައްކަތްވެސް ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ކުރިއަށްދާކަމަށެވެ.

"އެމް.ޑަބްލިޔު.އެސް.ސީ އަދި ސްޓެލްކޯ މި ދެކުންފުނި މެދުވެރިކޮށް އަޅުގަނޑުމެން މިހާރުވެސް ހުޅުމާލޭ ފޭސް 2 ގެ އެކި ސަރަޙައްދުތަކުގައި ފެނާއި ނަރުދަމާގެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ތާވަލްކޮށްފައިވާގޮތަށް ކުރިއަށް އެބަދޭ. ހުޅުމާލޭ ފޭސް 2 އަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ކޮންސްޓްރަކްޝަން ސްޓޭޖުގައި ބޭނުންވާ ފެނާއި ކަރަންޓާއި، ޔޫޓިލިޓީ ސަޕޯޓް ސަރވިސް. އެކަންކަން މިހާރުވެސް އެވަނީ ޤާއިމުވެފައި" ސައިމަން ވިދާޅުވިއެވެ.

ސަތޭކަހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ތަރައްޤީކުރާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން، ރިއަލް-އެސްޓޭޓް އުޞޫލުން ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ އިތުރުންވެސް، ބޮޑެތި ގިނަ މަޝްރޫޢުތަކެއް ހިންގެވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެތެރޭގައި ޔޮޓް މެރީނާއާއި ކްރޫޒް ޓަރމިނަލް ތަރައްޤީކުރުން، ފަތުރުވެރިކަމަށް ޚާއްޞަ ޒޯނެއް ތަރައްޤީކުރުން، އަދި އިންޓަރނޭޝަނަލް ފައިނޭންސް ސެންޓަރެއް ތަރައްޤީކުރުން ފަދަ ބިޔަ މަޝްރޫޢުތައް ހިމެނެއެވެ.