ރިޕޯޓް

ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރު މިމަހު ހުޅުވަނީ!


ހުޅުމާލޭގައި ތަރައްޤީކުރާ ކޮމިއުނިޓީ ސެންޓަރަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ޤާއިމުކޮށް، މިމަހުގެ ތެރޭގައި އެތަން ހުޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ. 

މިއީ މުނިފޫހިފިލުވުމާއި، ކުޅިވަރުގެ އެކި ވަސީލަތްތަކާއެކު ހުޅުމާލޭގައި ތަރައްޤީކުރާ މިފަދަ ފުރަތަމަ ކޮމިއުނިޓީ ސެންޓަރެވެ. ހުޅުމާލޭގައި ތަރައްޤީކުރާ ކޮމިއުނިޓީ ސެންޓަރުގައި ސިނަމާއަކާއި، އެސޯސިއޭޝަންތަކަށް އެކި ބޭނުންތައް ކުރެވޭގޮތަށް 4 ކްލާސްރޫމާއި، ޖިމަކާއި، އިންޑޯރ ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަމަޖެހިފައި ހުންނާނެކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދެއެވެ. 

ހަމައެހެންމެ ކެފޭއެއްގެ ޚިދުމަތްވެސް މިސެންޓަރުން ލިބެން ހުންނާނެކަމަށް އެކުންފުނިން ބުންޏެވެ. ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުގައި ހަދާފައިވާ ޖިމްގެ މަސައްކަތް ނިމި، އެތަން ބޭނުންކުރަން މިހާރު އާއްމުންނަށް ހުޅުވާލާފައިވާއިރު، މިވަގުތު އެންމެ ބާރު ދުވެލީގައި ކުރަމުންދަނީ ކޮމިއުނިޓީ ސެންޓަރުގައި ހަދާ ސިނަމާގެ މަސައްކަތްތަކެވެ. ޝުވެކް ސިނަމާއާ ހަވާލުކޮށްގެން ހަދާ މި ސިނަމާއަކީ 120 މީހުންގެ ޖާގައިގެ ސިނަމާއެކެވެ. މިތަން ވެގެންދާނީ ޝުވެކުން މިހާރު މާލޭގައި ހިންގަމުންދާ ސިނަމާއަށްވުރެ ފެންވަރު ރަނގަޅު ސިނަމާއަކަށްކަމަށް އެޗް.ޑީ.ސީން ބުންޏެވެ. އެގޮތުން މާލޭގައި ހުންނަ ޝުވެކް ސިނަމާގައި މިހާރު ބޭނުންކުރާ ސިލްވަރ ސްކްރީނަށްވުރެ ދެގުނަ ބޮޑު ސްކްރީނެއް ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުގައި ހަދާ ސިނަމާގައި ހުންނާނެކަމަށާއި، މިތަން ފަރުމާކުރާނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ކަމަށްވެސް އެޗް.ޑީ.ސީން މަޢުލޫމާތުދެއެވެ. އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ، ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމުމަކާ ހިސާބަށް ގޮސްފައިވާކަމަށާއި، މިހާރު ކުރަމުންދަނީ އެތަނުގައި ޤާއިމުކުރަންޖެހޭ އެކި ވަސީލަތްތައް ޤާއިމުކޮށް، ހުޅުވުމުގެ އެންމެފަހުގެ ތައްޔާރީތައް ކަމަށެވެ. އަދި އުއްމީދަކީ މިމަހުގެ ތެރޭގައި މި ސެންޓަރު ހުޅުވުންކަމަށްވެސް ސައިމަން ވިދާޅުވިއެވެ. 

"ކޮމިއުނިޓީ ސެންޓަރުތަކަކީ މީގެކުރިން ހުޅުމާލޭގައި ހުންނަ ތަންތަނެއް ނޫން. މިފަދަ ޕްލޭންޑް ސިޓީތަކުގައި ކޮންމެ ނެއިބަރހޫޑެއްގެ ކައިރީގައި ކޮމިއުނިޓީ ސެންޓަރެއް ނުވަތަ ކޮމިއުނިޓީ ސަރވިސް ދެވޭނެ އިމާރާތްތައް ހުރުމަކީ ކޮންމެހެން ލާޒިމްކަމެއް. ހުޅުމާލޭގައި މި ކޮންސެޕްޓަށް ހެދޭ އެންމެ ފުރަތަމަ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް މިހާރު އެވަނީ ނިމުމަކާ ހިސާބަށްގޮސްފައި. އެތަން އޮޕަރޭޝަނަލައިޒް ކުރުމަށްޓަކާ ދޫކުރެވިފައިވާ ފަރާތްތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ. ޖިމް މިހާރު އެވަނީ ހުޅުވިފައި. ދެން ސިނަމާއާއި ކެފޭ ހުޅުވުމަށްފަހު، އެ އިމާރާތް އަޅުގަނޑުމެންނަށް އެއްކޮށް ހުޅުވާލެވޭނެ. އުއްމީދަކީ ޖުލައި ކުރީކޮޅު ނުވަތަ ޖުލައި މެދުތެރޭ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުގެ މަސައްކަތް އެއްކޮށް ނިންމާ، އެތަން ހުޅުވުން.،" މުޙައްމަދު ސައިމަން ވިދާޅުވިއެވެ. 

ހުޅުމާލެފަދަ ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަ ސިޓީއެއްގައި މިފަދަ ކޮމިއުނިޓީ ސެންޓަރެއް ހުރުމުގެ މުހިއްމުކަން އެޗް.ޑީ.ސީންވެސް ފާހަގަކުރެއެވެ. ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާ މިސެންޓަރަކީ ހުޅުމާލޭގައި ހުޅުވާ ފުރަތަމަ ކޮމިއުނިޓީ ސެންޓަރެކެވެ. ހުޅުމާލޭގެ އެކި ސަރަޙައްދުތަކައި މިފަދަ އިތުރު ސެންޓަރުތައް ތަރައްޤީކުރުމަކީ އެޗް.ޑީ.ސީގެ އަމާޒެކެވެ.