ތަރައްްޤީ

މާމިގިލީގައި ބައިނަލްއަޤްވާމީ ބަނދަރެއް ތަރައްޤީ ކުރަނީ


އ.ދ މާމިގިލީ ބަނދަރު ބައިނަލްއަޤްވާމީ ޕޯޓަކަށް ބަދަލު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ހަވާލުކޮށް އެ މަސައްކަތް ކުރަމުން ގެންދާކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

އެމް.ޕީ.އެލްގެ ސީއީއޯ އަބްދުލްރައްޒާޤް ހަލީމް ވިދާޅުވީ މިކަމާގުޅޭގޮތުން މާމިގިލީ ކައުންސިލާއެކު ގުޅިގެން މަޝްވަރާކުރަމުންދާކަމަށެވެ. އެގޮތުން މިމަހުގެ 14 ވަނަ ދުވަހު އެމްޕީއެލްގެ ސީނިއަރ ޓީމަކާއި އިކޮނޮމިކް މިނިސްޓްރީގެ ޓީމެއް މާމިގިއްޔަށް ގޮސް ކައުންސިލާއިއެކު ކަމާއި ގުޅޭ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. މި ބައްދަލުކުރެއްވުމުގައި، މާމިގިލީ ބަނދަރު ބައިނަލްއަޤްވާމީ ބަނދަރެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެމްޕީއެލްއިން ކޮށްފައިވާ ޕްލޭންތަކުގެ ޗާޓްތަކާއި ކުރެހުންތައް ހިއްސާކޮށްފައިވާކަމަށެވެ. އަދި މިކަމުގައި މާމިގިލީ ކައުންސިލްގެ ޚިޔާލު ހޯދާފައިވާކަމަށާއި، އެ ކައުނަސިލުން ގެންނަން ބޭނުންވާ އިސްލާހުތަކާ ބެހޭގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލުން އެދުނު ގޮތަށް ކުރެހުންތައް އިސްލާހުކޮށް އެކަން އެންގުމަށް މިމަހު 20ގައި ކައުންސިލަށް ސީޓީ ފޮނުވާފައިވާކަމަށްވެސް އެމްޕީއެލްގެ އޮޕަރޭޝަންސް އެންޑް ޑިވިޝަން ގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މާމިގިލީގައި ބައިނަލްއަޤްވާމީ ޕޯޓެއް ތަރައްޤީކުރުމަށް އެމްޕީއެލްއަށް ހުއްދަދީފައިވަނީ މޭ މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްޕީއެލްއިން މައުލޫމާތުދޭ ގޮތުގައި މިހާރު ކުރިއަށް ދަނީ ބައިނަލްއަޤްވާމީ ޕޯޓެއްގެ ގޮތުގައި ތަރައްގީ ވަމުން އަންނައިރު އެސަރަހައްދުގައި ޖަހަންޖެހޭ ފެންސްތައް ޖެހުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

ޕޯޓް ތަރައްޤީ ކޮށް ނިމޭއިރު ގިނަ ޙިދުމަތަކެއް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. އެމްޕީއެއް އިން މައުލޫމާތުދޭ ގޮތުގައި މި ޕޯޓުގެ މަސައްކަތް ނިމޭއިރު ޕޯޓުން ހިލަވެލި އަންލޯޑްކުރުމާއި، ފެން ޕްލާންޓެއްގެ ޚިދުމަތާއި، ކޯލްޑް ސްޓޯރޭޖް އަދި ތެޔޮ ފޯރުކޮށްދޭ ޕްލާންޓެއް ގާއިމު ކުރެވޭނެކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ގިނަ ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށެވެ.