ރިޕޯޓް

މަލްޓިގްރޭޑް ޓީޗިން ފެށުމަށް ކުރާ މަސައްކަތް


ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އިންޤިލާބީ ބަދަލުތަކެއް ސަރުކާރުން ވަނީ ގެނެސްފައެވެ. އެގޮތުން ތަޢުލީމީ ދާއިރާ ހަރުދަނާ ކުރުމުގެ މަސައްކަތުގެ ދަށުން އާބާދީ މަދު ސްކޫލްތަކުގައި މަލްޓިގްރޭޑް ޓީޗިން ފެށްޓެވުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި މިކަމުގެ ރަސްމީ މަސައްކަތް ފެށޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެވެ. 

އާބާދީ މަދު ސްކޫލްތަކަށް އަމާޒުކޮށްގެން މަލްޓި ގްރޭޑް ޓީޗިން ތަޢާރަފްކޮށް، މަލްޓިގްރޭޑް ޓީޗިންގްއަށް ކިޔަވައިދޭން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. 2015 ވަނަ އަހަރު މި މަސައްކަތް ފެށީ ޓެސްޓް ބުރެއްގެ ގޮތުގައެވެ. ނަމަވެސް މިކަން ވެގެންދިޔައީ އާބާދީ މަދު ސްކޫލްތަކަށް މަންފާ ކުރަނިވި އަދި ދަރިވަރުންނަށް މުހިންމު މަސައްކަތަކަށެވެ. މަލްޓި ގްރޭޑް ޓީޗިންގް މިއަހަރު ތެރޭގައި އިތުރު ސްކޫލްތަކަށް ތަޢާރަފްކުރުމަށް އެޑިއުކޭޝަން މިނިސްޓްރީންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. 

މަލްޓިގްރޭޑް ޓީޗިންގ އަކީ އާބާދީ މަދު ސްކޫލްތަކުގައި އެކި ގްރޭޑްތައް އެއްކޮށްލައިގެން ކިޔަވައިދިނުމެވެ. އަދި މިކަމަކީ ކުރި އަރާފައިވާ ޤައުމުތަކުގައި ޕްރެކްޓިސް ކުރަމުން އަންނަކަމެކެވެ. އާބާދީ މަދު ސްކޫލްތަކުގައި ދޭއް ނުވަތަ ތިން ކުއްޖަކަށް ކުލާހެއްގައި ކިޔަވައިދޭން ޖެހުމުން، ދަރިވަރުންގެ އިތުރުން ޓީޗަރުންނަށްވެސް ކްލާސްތެރޭގައި އެންމެ އެކަށޭނަ ކިޔަވައިދިނުމުގެ މާހައުލެއް ޤާއިމް ނުކުރެވެއެވެ. އަދި ބައެއް ފިލާވަޅުތައް ހެދުމުގައި ދަތިތައް ދިމާވެ ދަރިވަރުންގެ ޝައުގުވެރިކަން ގެއްލިގެންދާތަން ފެނެއެވެ. އެހެން ނަމަވެސް މަލްޓި ގްރޭޑް ޓީޗިންގް މިފަދަ ސްކޫލްތަކަށް ތަޢާރަފްކޮށް ޢަމަލުކުރަން ފެށުމުން މިކަންކަމަށް ޙައްލުލިބޭނެއެވެ. ރާއްޖޭގައި މަލްޓި ގްރޭޑްތަކަށް ކިޔަވައިދޭން ނިންމާފައިވަނީ ޤައުމީ މަންހަޖުގައި ހިމެނޭ ކީސްޓޭޖްތައް އެއްކޮށްގެންނެވެ.

img:http://s3.psmnews.mv/images/660x400/14625275975808.jpg|ޓީޗަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއްގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް

އެގޮތުން ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގްރޭޑް އެކެއް ދޭއް އަދި ތިނެއް އެއްކުރުމަށްފަހު މަލްޓިގްރޭޑްކޮށް ކިޔަވައިދެވޭ އިރު ކީސްޓޭޖް ދޭއްގައި ހިމެނޭ ގްރޭޑް ހަތަރަކާއި ފަހަކަށް ކިޔަވައިދޭނީ އެއްކޮށްލައިގެންނެވެ. ޕީއެސްއެމްއާ ވާހަކަދައްވަމުން ނެޝަނަލް އިންސްޓިޓިއުޓް  އޮފް އެޑިއުކޭޝަންގެ އެޑިއުކޭޝަން ޑިވަލަޕްމަންޓް އޮފިސަރ އާނިޔަތު ޢަލީ ވިދާޅުވީ، މަލްޓި ގްރޭޑް ޓީޗިބްގެ ސަބަބުން، އާބާދީ މަދު ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުންގެ އިތުރުން ދަރިވަރުންނަށްވެސް މިކަމުގެ ސަބަބުން ފައިދާތަކެއް ލިބޭނެކަމަށެވެ. އަދި މިކަމަކީ ޚަރަދު ކުޑަ އަދި ފަސޭހަގޮތެއްގައި ކިޔަވައިދެވޭނެ އުސޫލެއްކަން އޭނާ ފާހަގަކުރެއްވިއެވެ. 

ނިސްބަތުން ކުދިން މަދު ސްކޫލުތަކުގައި، ހުރިހާ ގްރޭޑެއްގެ ކްލާސްތަކަށް ޓީޗަރުން ހަމަކޮށް،  މަދު ކުދިންނަށް، ކިޔަވައިދިނުމަކީ އިޤްތިޞާދީގޮތުން ދެކޮޅުނުޖެހޭ، ޚަރަދުބޮޑު، އަދި ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލް ނުވެވޭ ބުރަ މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން އިންސާނީ ވަސީލަތް ފުރިހަމަގޮތުގައި ބޭނުން ނުކުރެވި، ބޭކާރު ޚަރަދުތައް އިތުރުވެގެންދާ ކަމެއްކަން އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މަލްޓިގްރޭޑް ޓީޗިންގ ތަޢާރަފު ކުރިގޮތަށް، ރާއްޖޭގައިވެސް މަލްޓި ގްރޭޑް ޓީޗިން ތަޢާރަފްކޮށްފައިވަނީ ރައްޔިތުންގެ ފިކުރާއި ވިސްނުމާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ރިޢާޔަތްކޮށްގެންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.