ޚަބަރު

"ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ނުލިބި އެބަހުރި"


2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ތަފާތު އެކި ގޮތްގޮތުން ދައުލަތަށް ލިބެންޖެހޭ 4.5 ބިލިއަން ރުފިޔާ ނުލިބި އެބަހުރިހަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ ގިނަ ދުވަސްވާ ވަރަކަށް ދައުލަތަށް ލިބެންޖެހޭ ފައިސާތައް ލިބުމުގައި ދަތިތަކެއް ކުރިމަތިވާކަމަށެވެ. އެހެންކަމުން ދައުލަތަށް ލިބެންޖޭ ފައިސާ ވީއެންމެ އަވަހަކަށް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދައުލަތުގެ ބަންޑާރަ ނާއިބު މުހައްމަދު އަނިލް ވިދާޅުވީ އޮޑިޓް ރިޕޯޓުތަކުގެ އިތުރުން ޓެކުހުގެ ޒަރިއްޔާއިން ދައުލަތަށް ލިބެންޖެހޭ ފައިސާވެސް އެބަހުރި ކަމަށެވެ. އެގޮތުން ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ ތެރެއިން 17 ފަރާތެއްގެ އެކައުންޓް ފްރީޒްކޮށްފައިވާ ކަމަށް އަނިލް ވިދާޅުވިއެވެ. 

އެކި ގޮތް ގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި އެކު ސަރުކާރުން މަސައްކަތް ކުރަމުން ދާކަމަށާ، ބައެއް މައްސަލަތައް ޝަރުއީ މަރުހަލާގައިވާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.