ތަރައްްޤީ

"އެމްއާރްޑީސީން ހިންގަމުންދާ މަޝްރޫޢުތައް މިއަހަރު ނިންމާލެވޭނެ"


ރާއްޖޭގެ އެކި ހިސާބުތަކުގައި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް، އެމް.އާރ.ޑީ.ސީއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތައް މިއަހަރުގެ ނިޔަލަށް ނިންމާލުމަކީ އަމާޒެއްކަމަށް އެކުންފުނިން ބުނެފިއެވެ. އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން އެކުންފުނިން މިހާރުވެސް އަންނަނީ މަގު ހެދުމުގެ 10 މަޝްރޫޢަކާއި، ފުޓްސަލް ދަނޑުތައް އެޅުމުގެ 67 މަޝްރޫޢެއް ހިންގަމުންނެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސަރުކާރުން ހިންގަވާ ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތަކުގައި، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އާރް.ޑީ.ސީއަކީ މުހިއްމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އެގޮތުން އެކުންފުނިން މިހާރުވެސް އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި، ޕާކުތައް ތަރައްޤީކުރުމާއި، 10 ރަށެއްގެ މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން، ފުޓްސަލް ދަނޑުތައް އެޅުމުގެ 67 މަޝްރޫޢެއް ހިމެނެއެވެ.

އެމް.އާރ.ޑީ.ސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެމުން އެކުންފުނީގެ އެސިސްޓެންޓް މެނޭޖަރ ޕްރޮޖެކްޓް މުޙައްމަދު ޝަރީފް ވިދާޅުވީ، އެކުންފުނީގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެން މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫޢުތައްކަމަށެވެ. އެގޮތުން މިހާރުވެސް މަގުހެދުމުގެ 10 މަޝްރޫޢެއް އެކި ލެވެލްގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ. ޝަރީފް ވިދާޅުވީ، މަގު ހެދުމުގެ މަޝްރޫޢުތަކުގެ ތެރެއިން ހދ. ހަނިމާދޫއާއި، ހދ. ކުޅުދުއްފުށި އަދި ހއ. ދިއްދޫގެ މަގުތައް ހެދުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަދައްކަމުން އެމް.އާރ.ޑީ.ސީގެ ހެޑް އޮފް މީޑިއާ ޑިޕާޓްމަންޓް، ފާތުމަތު މުސްތަފާ ވިދާޅުވީ، އެކުންފުނިން ކުރިއަށްގެންދާ މަޝްރޫޢުތަކަކީ އާއްމު ރައްޔިތުންގެ ދިރިއުޅުމާއި ގުޅިލާމެހިފައިވާ މަޝްރޫޢުތަކެއްކަމުން، މި މަޝްރޫޢުތައް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމާ، އާއްމު ރައްޔިތުންނަށް އެކަމުގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމަކީ އެކުންފުނީގެ އަމާޒުކަމަށެވެ.

އެމް.އާރ.ޑީ.ސީއިން އަތޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމުގެ މަތިން، އެމް.އާރު.ޑީ.ސީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އިތުރު ވެހިކަލްތަކާއި، މެޝިނަރީ ހޯދުމަށް 8.5 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ވަނީ ހިންގާފައެވެ. މި މަޝްރޫޢުގެ ދަށުން، ޢުމްރާނީ ތަރައްޤީއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް 88 ވެހިކަލް ރާއްޖެގެނެސް، އެމް.އާރް.ޑީ.ސީގެ އޮޕަރޭޝަންތަކުގައި މިހާރު އަންނަނީ ބޭނުންކުރަމުންނެވެ.