ޚަބަރު

ފަހިދޫ" ބަހުސް މުބާރާތުގެ އެއްވަނަ ކޮލެޖު އޮފް ޑިފެންސަށް


ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްއިން މި ރަމަޟާން މަހު ގެނެސްދިން "ފަހިދޫ" ބަހުސް މުބާރާތުގެ އެއްވަނަ ޤައުމީ ދިފާޢީ ބާރުގެ ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހޯދައިފިއެވެ. އެ ކޮލެޖުން އެއްވަނަ ހޯދީ ރޭ ބޭއްވި "ފަހިދޫ" ބަހުސް މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންއާ ވާދަކޮށްގެންނެވެ.

"ފަހިދޫ" ބަހުސް މުބާރާތަކީ ޕީއެސްއެމްގެ ދިވެހިރާއްޖޭގެ އަޑުން މީގެކުރިން އިންތިޒާމްކޮށްގެން ގެނެސްދޭ ޕްރޮގްރާމެކެވެ. ނަމަވެސް މިއަހަރުވަނީ ދިވެހިރާއްޖޭގެ އަޑުގެ އިތުރުން ޓީވީއެމްއިން ވެސް މި ބަހުސް ދައްކާފައެވެ. މި ބަހުސް މުބާރާތުގައި ސަރުކާރުގެ މުއައްސަސާތަކާ ބައެއް ކޮލެޖު އަދި ޔުނިވަރސިޓީތަކުންވެސް އަންނަނީ ބައިވެރިވަމުންނެވެ.

ފަހިދޫ ބަހުސް މުބާރާތް 1438ގެ ފައިނަލުގައި ވާދަކޮށްފައިވަނީ ޤައުމީ ދިފާޢީ ބާރުގެ ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއާއެވެ. މި ދެ ޓީމު ބަހުސްކޮށްފައި ވަނީ "ދިވެހިރާއްޖެއަކީ ތަހުޒީބުވެފައިވާ ޤައުމެއް" މި މަޢުޟޫއަށެވެ. މައުޟޫއާ އެއްކޮޅަށް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ބަހުސްކުރިއިރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން ބަހުސްކުރީ މަޢުޟޫއާ ދެކޮޅަށެވެ.

ފަހިދޫ ބަހުސްގެ ފައިނަލް ޝަރަފްވެރިކޮށްދެއްވީ ތައިލެންޑަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރު މުޙައްމަދު ނަޝީދުއެވެ. މި ބަހުސްއިން އެއްވަނަ، ޤައުމީ ދިފާޢީ ބާރުގެ ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ހޯދީ 1148.5 ޕޮއިންޓާއިއެކުގައެވެ. ދެވަނަ ލިބުނު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަން އަށް ލިބުނީ 1136.5 ޕޮއިންޓެވެ.

img:http://s1.psmnews.mv/images/660x400/14976932161301.jpg|ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް- ފޮޓޯ: ޕީއެސްއެމް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ވިދާޅުވީ މީގެކުރިން ރާއްޖޭގައި ބަހުސް މުބާރާތްތައް ގެނެސްދީފައިވާ ގޮތްތަކާއި މިހާރުގެ ބަހުސް މުބާރާތްތައް ތަފާތުވާންޖެހޭ ކަމަށެވެ.

11 އަހަރުވެފައިވާ ފަހިދޫ ބަހުސް މުބާރާތުގެ ފަހިދޫ ވެރިޔާ ލިބުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ އަލްއުސްތާޒް މުޙައްމަދު ޔާމީން އިބްރާހީމަށެވެ. މި މުބާރާތަކީ ދިވެހި ބަހުން މޮޅަށް ވާހަކަދައްކާނެ ހުނަރުވެރި ވާހަކަދެއްކުންތެރިން އުފައްދުމުގެ މަޤުޞަދުގައި ޕީއެސްއެމްއިން ކުރިއަށް ގެންދާ މުބާރާތެކެވެ.