ޚަބަރު

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ލޭ ހަދިޔާކުރާ މީހުންގެ ދުވަސް


މިއަދަކީ، ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ލޭ ހަދިޔާކުރާ މީހުންގެ ދުވަހެވެ. ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހަކީ ލޭ ހަދިޔާ ކުރުމަށް މީހުން ހޭލުންތެރިކުރުވުމާއި ލޭ ހަދިޔާ ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ޝުކުރު އަދާ ކުރުމަށް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.

ބައިންލައަޤްވާމީ ގޮތުން ފާހަގަކުރާ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަސް މިއަދު ފާހަގަކުރާއިރު، ރާއްޖޭގެ މިދާއިރާގެ ޙާލަތަށް ބަލާލުން މުހިންމެވެ. މޯލްޑިވްސް ބްލަޑް ސަރވިސްއިން މައުލޫމާތުދޭ ގޮތުގައި ލޭ އެޅުމުގެ ޚިދުމަތް ދިނުމުގައި ބްލަޑް ސަރވިސްއަށް ދިމާވެފައިއޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލޭ ހޯދުމުގައި ދިމާވެފައިވާ ދަތިތަކެވެ. މި އަހަރުގެ މިހާތަނަށް މޯލްޑިވްސް ބްލަޑް ސަރވިސަސްގައި 622 މީހުން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް ބްލަޑް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކާއިރު، އޭގެތެރެއިން 500 އަށްވުރެ ގިނަ މީހުންނަކީ މަހަކު ދެ ފަހަރު ނުވަތަ ތިން ފަހަރު ލޭ އަޅަންޖެހޭ މީހުންނެވެ.

ލޭ ބޭނުންވާ ފަރާތްތަކަށް އެހީވުމަށް އަމިއްލައަށް އެދިގެން ލޭ ހަދިޔާ ކުރަނީ ލޭ ދޭ މީހުންގެ 33 އިންސައްތަ މީހުންނެވެ. އަނެއް 67 އިންސައްތަ މީހުންނަކީ ލޭއަޅާ މީހުން އަމިއްލައަށް ހޯދާ ޑޯނަރުންނެވެ. ލޭ އަޅާ މީހުންގެ އިތުރުން ޞީއްހީ އެކިއެކި ފަރުވާ ދިނުމުގައިވެސް ލޭ ހޯދާ މީހުންނަށް އެ ޙިދުމަތް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން ފޯރުކޮށްދެމުން އަންނަކަމަށް ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނެރަލް ޑރ.އަސްމާ އިބްރާޙިމް ސުލައިމާން ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ ގެ މިއަހަރުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ކޮށްދެވޭނީ ކޮންކަމެއް ލޭ ހަދިޔާކުރައްވާ، މިހާރު ލޭ ހަދިޔާ ކުރައްވާ، ގަވައިދުން ލޭ ހަދިޔާކުރައްވާ" އެވެ.

ލޭ ހަދިޔާކުރާ މީހުންގެ ދުވަހާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ޝިއާރު ކަނޑައެޅުމުގައި ބަލާފައިވަނީ ކުއްލި ހާލަތްތަކުގައި ދިމާވާ ނުރައްކާތަކަށް އަބަދުވެސް ތައްޔާރުވެ ތިބުމަށް ލޭ ހަދިޔާ ކުރުމަށް ކަމަށެވެ. އަދި ކޮންމެ މީހަކީވެސް އެފަދަ ޙާލަތްތަކުގައި ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ މީހަކަށް ވުމަށް، ލޭ ހަދިޔާ ކޮށްގެންވެސް އެހީތެރިކަން ފޯރުކޮށްދެވިދާނެކަމަށްވެސް ބަލާފައިވާނެ ކަމަށެވެ. އޭގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ލޭ ހަދިޔާ ކުރުމަކީ ޞިއްޙީ ގޮތުންވެސް ގިނަ ފައިދާތަކެއް ލިބޭކަމެކެވެ. އެގޮތުން ގަވައިދުން ބަލިތަކަށް ޓެސްޓު ކުރެވުމާއި ހަށިގަނޑުގައި އިތުރުވާ ދަގަނޑުގެ ބާވަތްތައް މަދުކުރަން އެހީވެދިނުން ހިމެނޭކަމަށް މޯލްޑިވްސް ބްލަޑް ސަރވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަޙުމަދު ޢުމަރު ވިދާޅުވިއެވެ.

ލޭ ހަދިޔާ ކުރާމީހުން އިތުރުކުރުމަށް މޯލްޑިވްސް ބްލަޑް ސަރވިސަސްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ހިންގުމާއި ލޭ ހަދިޔާ ކުރުމުގެ އެކިއެކި ކޭމްޕުތައް ހިންގުން ހިމެނެއެވެ. މީގެ އިތުރުން މިއަހަރު އަލަށް ސްކޫލް ނިންމައި ނިކުންނަ ދަރިވަރުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން އަންގައިދީ ލޭ ހަދިޔާ ކުރާ މީހުންގެ އައު ޕޫލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބްލަޑް ސަރވިސްއިން ބުނެއެވެ.