ޚަބަރު

ތެލުގެ ޑިއުޓީ ކުޑަކުރާ އިސްލާޙު ހޯމަދުވަހަށް ނިންމަން ފާސްކޮށްފި


ތެލުގެ ބާވަތްތަކުން ޑިއުޓީ ކުޑަކުރަން ހުށަހެޅި އިސްލާޙު އަންނަ ހޯމަ ދުވަހުގެ ކުރިން ނިންމުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލެއްވުމަށްފަހު މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމެޓީގައި 37 މެންބަރުންގެ ވޯޓާއެކު މި އިސްލާޙު ދިރާސާ ކުރުމަށް ވަނީ އިޤްތިސާދީ ކޮމިޓީއަށްވެސް ފޮނުވާފައެވެ.

އިމްޕޯރޓް އެކްސްޕޯޓް ޤާނޫނުގެ ޗެޕްޓަރ 27 އަށް ސަރުކާރު ހިންގާ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އިޞްލާޙުގައި ވަނީ، ބިމުން ނަގާ ހަކަތައިގެ ބާވަތްތަކާއި ބިމުން ނަގާ ތެލާއި އަދި އެފަދަ ތަކެތި ސާފުކޮށްގެން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ޑިއުޓީ ކުޑަކުރުމަށް ހުށަހަޅާފައެވެ. އެގޮތުން މި އިޞްލާޙުގައި ވަނީ ތެލުން މިހާރު ނަގާ 10 އިންސައްތައިގެ ޑިއުޓީ 5 އިންސައްތައަށް ކުޑަކުރުމަށް ހުށަހަޅުއްވާ ކަމަށެވެ.

މި އިޞްލާޙް މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެމްބަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް އެ އިޞްލާޙް ހުށަހެޅުއްވުމުގެ މަޤްޞަދަކީ ޢާންމު ބޭނުންތަކާއި، އަސާސީ ޚިދުމަތްތައް ރައްޔިތުން ބޭނުން ކުރުމުގައި ކުރާ ޚަރަދު ކުޑަކޮށްދީ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށެވެ. މީގެ އިތުރުން މިއަދު މަޖިލީހުން ވަނީ ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު ނުވައަކުން 11 އަށް ބަދަލު ކުރުމަށް ރާއްޖޭގެ ކޯޓުތަކާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުވެސް ބަލައިގަންނަން ފާސްކޮށްފައެވެ.

މި އިސްލާހު މަޖިލީހަށް ބަލައިގަންނަން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 34 މެމްބަރުންގެ އިއްތިފާގުންނެވެ. އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ ދިވެހި ރާއްޖޭގެ ކޯޓްތަކާ ބެހޭ ޤާނޫނުގެ މި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ފަލާހު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގައި ބުނާ 9 ފަނޑިޔާރުންގެ އަދަދު 11 އަށް ބަދަލު ކުރުމަށެވެ.