ސިއްހަތު

99.4% ކުދިންނަށް ވިހެއުމާއިއެކު ދޭންޖެހޭ ވެކްސިން ޑޯޒްތައް ދެވޭ


2016 ވަނަ އަހަރުގެ ވެކްސިންއާގުޅޭ ތަފާސްހިސާބުތަކަށް ބަލާއިރު 99.4 އިންސައްތަ ކުދިންނަކީ ވިހެއުމާއިއެކު ދޭންޖެހޭ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ކުދިންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ބުނެފިއެވެ.

ވެކްސިނަކީ ތުއްތު ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ ބަލިތަކުން ސަލާމަތްވުމަށް އޮތް އެންމެ މުހިންމު ފަރުވާއެވެ. ކޮންމެ ކުއްޖަކީ ވެކްސިން ދީގެން ބޮޑުވާ ކުއްޖަކަށް ހެދުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެކުލަވާލި "އެކްސްޕޭންޑެޑް ޕްރޮގްރާމް އޮން އިމިއުނައިޒޭޝަން" ގެ ދަށުން ރާއްޖޭގައި ރަސްމީކޮށް ވެކްސިން ދޭން ފެށީ 1985 ވަނަ އަހަރުއެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކަށް ވެކްސިން ފޯރުކޮށްދީ ވެކްސިން ޖަހަން ފަށާފައިވަނީ 1988 ވަނަ އަހަރުއެވެ.

މި ޕްރޮގްރާމްގައި، 5 އަހަރުން ދަށުގެ ކުދިންނާއި، މާބަނޑު މީހުންގެ އިތުރުން ވިހާ ޢުމުރުގެ އަންހެނުންނަށް ވެކްސިން ދިނުން ހިމެނެއެވެ. ވެކްސިންގެ ސަބަބުން ކުއްޖާ ދުޅަހެޔޮ ޞިއްޙަތެއްގައި ބޮޑު ވުމަށް މަގުފަހިކޮށްދެއެވެ. ތުއްތު ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތުގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އެންރޯލް ނަރސް ނާޒިމާ މުޙައްމަދު ވިދާޅުވީ ވެކްސިން އަކީ ނުރައްކާތެރި ބަލިތަކުން ކުއްޖާ ސަލާމަތް ކޮށްދޭ މުހިންމު ފަރުވާއެއް ކަމަށްވާތީ ޤަވާއިދުން ވެކްސިން ދިނުމަށް ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށެވެ.

ރާއްޖޭގައި ވެކްސިން ދިނުމަށް ދެވޭ ސަމާލްކަން އިތުރުވުމާއި އެކު، އާއްމުކޮށް ފެތުރޭ ބަލިތައް ކުދިންނަށް ޖެހޭ މިންވަރު ވަނީ އެތައް ގުނައަކަށް ދަށްވެފައި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން މަޢުލޫމާތު ދެއެވެ. ވެކްސިން ދީގެން ދިފާޢު ކުރެވޭ ބަލިތަކުގެ ތެރެއިން ކަރުފޮޅު، ޕޯލިއޯ، ހޯއްގޮވާ ކެއްސުން، އަދި އަލަށް އުފަންވާ ކުދިންނަށް ޖެހޭ އިދިފުށަށްދަމާބަލި ފަދަ ބަލިތައް މިހާރު ވަނީ ރާއްޖެއިން މުޅިން ނައްތާލެވިފައެވެ.

ނަމަވެސް ވެކްސިން ދިނުމުގައި ފަރުވާ ކުޑަކޮށް، ގަވައިދުން ވެކްސިން ނުދޭނަމަ މިހާރު ނައްތާލެވިފައިވާ ބަލިތައް އަލުން މުޖުތަމައުގައި ފެތުރިގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށް އެޗް.ޕީ.އޭއިން ބުނެއެވެ.

2020 ވަނަ އަހަރުގެ ކުރިން އޭޝިއާގެ ޤައުމުތަކުން ހިމަބިހި ނައްތާލުމަށްޓަކާ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މި ސަރަޙައްދުގައި ހިމަބިހި ނައްތާލެވިފައިވާ ފުރަތަމަ ޤައުމަށް ދިވެހިރާއްޖެ ވުމަށްޓަކާ ހަލުވި ކަމާއިއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗް.ޕީ.އޭ އިން ބުނެއެވެ. އެގޮތުން ވެކްސިން ނުދޭ ފަރާތްތައް ދެނެގަނެ، ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ވެކްސިން ދިނުމުގެ މުހިންމުކަން އެފަދަ ފަރާތްތަކަށް އަންގައިދީ ހޭލުންތެރި ކުރުވުމަށް މަސައްކަތްކުރުން ހިމެނެއެވެ.

ކުޑަކުދިންނާއި މާބަނޑު މީހުންނަށް ދެމުންދާ ވެކްސިންތަކަކީ ދިވެހި ސަރުކާރުގެ ޚަރަދުގައި ހިލޭ ފޯރުކޮށްދެމުން އަންނަ ވެކްސިންތަކެކެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެކްސިން ފޯރުކޮށްދީ، ތުއްތު ކުދިންނަށް ދަނީ ޤަވާޢިދުން ވެކްސިން ދެމުންނެވެ.