ދުނިޔެ

59 މީހަކާ 12 ޖަމާޢަތެއް ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅައިފި


ޤަތަރުން ތާޢިދުކުރާ ޓެރަރިސްޓް ހަރަކާތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭ 59 މީހަކާ 12 ޖަމާޢަތެއް ޓެރަރިޒަމްއަށް ސަޕޯޓްކުރާ ފަރާތްތަކުގެ ގޮތުގައި ފާހަގަކޮށްފިއެވެ. 

މިފަރާތްތައް ޓެރަރިސްޓުންގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސައުދީ ޢަރަބިއްޔާ، ބަހްރައިން، މިސްރު އަދި ޔޫ.އޭ.އީއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ވަކި ވަކި ފަރުދުންގެ ތެރޭގައި ޤަތަރުގެ 18 މީހަކު ވެސް ހިމެނެއެވެ.

އަރަބި ބައެއް ބާރުތަކުން ޤަތަރާ ސިޔާސީ ގުޅުންތައް ކަނޑާލާ އެގައުމާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކޮށްފައިވަނީ އެގައުމުން ޓެރަރިސްޓް ޖަމާޢަތްތަކަށް މާލީ އެހީދީ އެފަރާތްތަކުގެ ފިކުރުތައް ޕްރޮމޯޓްކުރުމަށް މަސައްކަތް ކުރާ ކަމަށް ބުނެއެވެ. އެންމެ ފުރަތަމަ ޤަތަރާ ގުޅުން ކަނޑާލި ހަތަރު ގައުމު ކަމަށްވާ ސައުދީ ޢަރަބިއްޔާއާ، ޔޫ.އޭ.އީ، މިސްރު އަދި ބަހްރައިންއިން މިވަނީ މިފަދަ ހަރަކާތްތަކުގައި ބައިވެރިވާ 59 މީހަކާ 12 ޖަމަޢާތެއް ޓެރަރިސްޓުންގެ ގޮތުގައި ފާހަގަކޮށްފައެވެ. މިކަން ހާމަކޮށް މި ހަތަރު ގައުމުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ޓެރަރިޒަމްއާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ގައުމުތަކުން އެކަތިގަނޑަކަށް ވުމަށް އެޅި ފިޔަވަޅެއް ކަމަށާ މިއީ ޓެރަރިސްޓް ޖަމާޢަތްތަކަށް މާލީ އެހީތައް ދޭ ފަރާތްތައް ހުއްޓުވުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ. އަދި މި ލިސްޓަކީ ޤަތަރުން މިހާތަނަށް އެއްބަސްވެފައިވާ އެއްބަސްވުންތަކާ ޚިލާފަށް އެގައުމުގެ ސިޔާސަތުތައް ތަންފީޒުކުރުުގެ ނަތީޖާ ކަމަށް ވެސް މި ގައުމުތަކުން ވަނީ ބުނެފައެވެ. 

މި ގައުމުތަކުން އެކުލަވާފައިވާ ލިސްޓުގައި ޤަތަރުގެ 18 ރައްޔިތަކުވެސް ހިމެނެއެވެ. މިމީހުންގެ ތެރޭގައި ވިޔަފާރިވެރިންނާ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރާ ފަރާތްތަކާ އެގައުމުގެ ވެރިކަން ކުރާ ޝާޚީ އާއިލާއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވެސް ހިމެނެއެވެ. ޤަތަރުގެ އިތުރުން، މިސްރުގެ 26 މީހަކާ ލީބިޔާގެ 5 މީހަކު ވެސް މި ލިސްޓުގައި ވަނީ ޝާމިލްކޮށްފައެވެ. ޓެރަރިސްޓް ޖަމާޢަތްތަކުގެ ލިސްޓަށް އިތުރުކޮށްފައިވަނީ ޤަތަރަށް ނިސްބަތްވާ ފަސް ޖަމާޢަތަކާ، ބަހްރައިން އަށް ނިސްބަތްވާ 6 ޖަމާޢަތަކާ ލިބިޔާގެ ޖަމާޢަތެކެވެ.

އަރަބި ބާރުތަކުން ޤަތަރަށް ފިއްތުންތައް ކުރިމަތިކުރަމުންދާ މިދަނޑިވަޅުގައި އެގައުމުން މިކަމުގައި އެއްވެސް ދުލެއް ނުދޭނެ ކަމަށް ޤަތަރުގެ ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ. އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ޤަތަރުގެ ޚާރިޖީ ވަޒީރު ޝޭޚް މުހައްމަދު ބިން ޢަބްދުލްރަހްމާނު ޢަލް ޡާނީ ވިދާޅުވީ، ޢަރަބި ގައުމުތަކުގެ ފިއްތުން ތަކުގެ ސަބަބުން އެގައުމުގެ ޚާރިޖީ ސިޔާސަތަށް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. އަދި އެގައުމަށް ވައިގެ މަގުންނާ އެއްގަމުން އަދި ކަނޑުގެ މަގުން ފިއްތުންތައް ހުރި މި ވަގުތު ޤަތަރުގެ ޢަމީރު ޝޭޚް ތަމީމް ގައުމުން ބޭރަށް ވަޑައިނުގަންނަވާނެ ކަން ވެސް ޤަތަރުގެ ޚާރިޖީ ވަޒީރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އަނެއްކޮޅުން، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓިއަރޭޒް ވަނީ ގަލްފް ގައުމުތަކުގައި އުފެދިފައިވާ މި ހަމަނުޖެހުންތައް ދުރުކުރުމަށް ވީ އެންމެ އަވަހަކަށް މަޝްވަރާގެ ވާހަކަތައް ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެެ. އަދި މައްސަލަ އިތުރަށް ގޯސްވާނެ ފަދަ ޢަމަލެއް އެއްވެސް ފަރާތަކުުން ނުހިންގުމަށް ވެސް އދގެ ސެކްރެޓަރީ ޖެނެރަލް ގޮވާލެއްވިއެވެ.