ތަރައްްޤީ

12 ރަށެއްގެ ބިން ހިއްކަން، 1.2 ބިލިއަން ރުފިޔާ


1.2 ބިލިޔަން ރުފިޔާ ޙަރަދުކުރައްވައިގެން 12 ރަށެއްގެ ބިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މިހާތަނަށް ހިއްކަވާފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނުހިމަނާ، ތިންސަތޭކަ ފަސްދޮޅަސް ހެކްޓަރުގެ ބިން މި ސަރުކާރުން މިހާތަނަށް ހިއްކާފައިވާކަމަށެވެ. މީގެ އިތުރުން ހިއްކި ބިން ހިމާޔަތްކުރުމުގެ ގޮތުން ދިހައެއް ޕޮއިންޓް ހަތެއް ކިލޯ މީޓަރުގެ ރިވެޓްމަންޓެއް ޖަހާފައިވާ ކަމަށާއި އެކެއް ޕޮއިންޓް ހަތެއް ބިލިޔަން ރުފިޔާ އަކީ ބިން ހިއްކާ ރިވެންޓްމަންޓް ޖެހުމާއެކު ދިޔަ ހަރަދު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14684955236840.jpg|ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު - ފައިލް ފޮޓޯ: ޕީއެސްއެމް

މިނިސްޓަރު މުއިއްޒު މިއަދު މަޖިލީހަށް ވަޑައިގެންނެވީ ތ. ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ތަފްސީލް ހޯދުމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ސުވާލު ކުރައްވަން ބޭނުންފުޅުވެގެންނެވެ. މެންބަރު ރިޔާޒު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނުވާތީ މި އަހަރު އެ މަސައްކަތް ކުރިއަށް ނުގެންދާނެކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ. މިގޮތުން ބައެއް ރަށްރަށުގައި ބިން ހިއްކުމުގެ މަޝްރޫއުތައް މި އަހަރު ފެށުމުގެ މަސައްކަތް ކުރައްވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ޚަރަދު ކުޑަކޮށް، ހަލުވިކަމާއިއެކު ކުރިޔަށް ގެންދެވުމަށް ސަރުކާރު ހިއްސާވާ ކުންފުނި އެމްޓީސީސީއަށް ޑްރެޖަރެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. ސަރުކާރުން ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔަ ބޮޑެތި ބައެއް ރަށްތަކުގެ ތެރޭގައި ހުޅުމާލެ، ސ. ފޭދޫ، ގދ. ތިނަދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫ ހިމެނެއެވެ.