ރާއްޖޭގެ ރަށްތަކަކީ ކޮންކްރީޓް ޖަންގަލިތަކަކަށް ހެދުމުގެ ބަދަލުގައި ޤުދުރަތީ މުއްސަނދި ބިންތަކެއްގެ ގޮތުގައި އެރަށްތައް ބޭއްވުމަކީ ކޮންމެ ފަރުދެއްގެ ފަރުދީ ޒިންމާއަކަށް ހެދުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ގޮވާލައްވައިފިއެވެ.
މިނިސްޓަރ ޠާރިޤް މިހެން ގޮވާލެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. މިއަދުގެ އިޖްތިމާޢީ އަދި ޢުމްރާނީ ވެށި ބިނާވެފައިވާ ގޮތުން ޤުދުރަތީ ވެއްޓާ ދިވެހިން ބީރައްޓެހިވެފައިވާ ކަމަށާއި، ޢުމްރާނީ ތަރައްޤީގައި ދުނިޔެ ކުރިއަރަމުން އަންނަ މި ދުވަސްވަރު ތިމާވެށި ބާކީ ކުރެވި، ގެނެވޭ ތަރައްޤީއަކީ ދެމެހެއްޓެނިވި ގޮތެއްގައި ގެނެވޭނެ ތަރައްޤީއެއް ނޫންކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
މިގޮތުން ކޮންކްރީޓް ޖަންގަލިތަކަށްވެފައިވާ ރާއްޖޭގެ ރަށްތަކަކީ ވެސް ޤުދުރަތީ ފެހިކަމުގެ ނަޔާކަން އޭގައި އެކުލެވޭ ތަންތަނަށް ހެދުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ދިރިއުޅުމުގެ ވައްޓަފާޅިއަށް ޒަމާނާއެކު އަންނަމުންމިދާ ބަދަލުތަކާއެކު ޤުދުރަތީ ނިޒާމްތަކުގެ ދިރުންތައް ނެތެމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ޠާރިޤް ވިދާޅުވީ އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާއެކު، މީގެ ކުރިން ތިމާވެއްޓަށް ކުރިމަތިނުވާ ވަރުގެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އިންސާނުން އުފައްދާ ކުނީގެ ޢަދަދު އިތުރުވެ ކުނިއުކާލެވޭ އާޚިރު މަންޒިލަކަށް ކަނޑުތައް ވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އުކާލެވޭ ޕްލާސްޓިކުން ދުވަހެއް ދުވަހަކަށް ކަނޑުތައް ތަޣައްޔަރުވެގެންދާތީ އެކަމާއި ހިތާމަ ކުރައްވާ ކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އުކާލެވޭ ޕްލާސްޓިކުން ކަނޑުތައް ގޮނޑުވެ އެކަމުގެ ނޭދެވޭ އަސަރުތައް ކަނޑުގެ ދިރުންތަކާއި ކަނޑުމަތީގެ ދޫނިތަކަށް ސީދާ ގޮތުން ކުރާއިރު، މީގެ ނޭދެވޭއަސަރު ފަތުރުވެރިކަމާއި މަސްވެރިކަމަށް ވެސް ކުރަމުންދާ ކަމަށެވެ.
ޤުދުރަތީ މިފަދަ ނިޒާމްތައް އެއް ނިޒާމް އަނެއް ނިޒާމްގެ މައްޗަށް، އަދި އެއް ދިރުން އަނެއް ދިރުމުގެ މައްޗަށް ބަރޯސާވެފައިވާއިރު، މިއިން ކޮންމެ ފަންތިއެއްގައި ލިބޭ ގެއްލުމަކީ މުޅި ނިޒާމަށް އޭގެ އަސަރުކުރުވާނެ ކަންތައްތަކެއްކަން ޤަބޫލުކުރަންޖެހޭ ކަމަށް މިނިސްޓާރ ޠާރިޤް ވިދާޅުވިއެވެ.
މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައެޅިފައިވަނީ "ކަނެކްޓިންގ ޕީޕަލް ޓު ނޭޗަރ" އެވެ.